ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ބާއްވާ ހުރިހާ ކޮޓަރިތަކެއް ތަޅުލައި ބަންދުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި މަޖިލީހުގެ ކޮމިޓީތައް ކުރިއަށްގެންދާ ހުރިހާ ކޮޓަރިތަކެއް ވެސް ވަނީ ތަޅުލާ ބަންދުކޮށްފައެވެ.
ވެރިކަންކުރާ އެމްޑީޕީން މަޖިލީހުގެ 13 މެންބަރަކު ވަކިވެ، މެންބަރުން މަޖިލީހުގައި ތަމްސީލުކުރާ ގޮތަށް ބަދަލު އައުމުން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ވަނިީ އަލުން އެކުލަވާލަން ޖެހިފައެވެ. ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބޭފުޅުންގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބަލެހެއްޓުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ކޮމިޓީތައް ނެތުމާއެކު އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް އޮތީ ހުއްޓިފައެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ނަޝީދު އަދި އީވާ ވިދާޅުވެފައިވާއިރު ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއަށެވެ.
ރައީސް ނަޝީދު އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހުން ވަކި ކުރުމަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނު ވަކި ކުރަން ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއާއެކުއެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮޓަރިތައް ތަޅުލާފައި ހުންނަ ސަބަބާ ބެހޭ ގޮތުން މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށް ނުދާ ހުރިހާ ވަގުތުތަކެއްގައި ވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމަށެވެ.