ސިޔާސީ ޕާޓީއަކަށް ވަނުމަށް އެދޭ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުގެ ތެރޭގައި ހިމެނޭ، ފޯމް ހުށަހަޅާ ފަރާތުގެ މަންމަގެ ނަމާއި އައިޑީ ކާޑު ނަންބަރު ޖެހުން އަލުން އިހްތިޔާރީ ކަމަކަށް ހަދައިފިއެވެ.

ޕާޓީއަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމު އިސްލާހުކޮށް، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ގެނައި އިސްލާހުގައިވާ ގޮތުން، ފޯމް ހުށަހަޅާ ފަރާތުން، އެ މީހާގެ މަންމަގެ ނަމާއި އައިޑީކާޑު ނަންބަރު ފޯމުގައި ޖަހަން ލާޒިމްކޮށްފައިވެއެވެ.

ގަވައިދަށް ގެނައި އެ އިސްލާހާ ގުޅިގެން ސިޔާސީ ޕާޓީތަކުންނާއި އާންމުންގެ ފާޑުކިއުންތައް އަމާޒުވުމުން، އެ އިސްލާހުގެ ދިފާއުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ފޯމަށް ބަދަލު ގެނެސް މަންމަގެ ނަން ޖަހާ ގޮތަށް ހަދާފައި ވަނީ، އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުން މަދުކުރުމުގެ ގޮތުން ކަމަށެވެ.

އެ ކޮމިޝަނުން އޭރު ބުނި ގޮތުގައި، މަންމަގެ ނަން ޖަހަން ޖެހުނަސް، ފޯމުގައި އައިޑީކާޑު ނަންބަރު ޖެހުން ލާޒިމެއް ނޫނެވެ. އެއީ ފޯމް ގެޒެޓުގައި ޝާއިއުކުރި އިރު އެރި އޮޅުމެއް ކަމަށް، ކޮމިޝަނުން ބުންޏެވެ.

ނަމަވެސް މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ އޭރު އޮތް ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހު ގެނެސް، ކުރިން އޮތް ގޮތަށް ފޯމް ރުޖޫއަކޮށްފައެވެ.

މީހުންނަށް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި އޮންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުކުރުމާއި ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމަކީ މީގެ ކުރިން އާންމުކޮށް ހިނގާފައިވާ ކަންކަމެވެ. އޮޅުވާލައިގެން ޕާޓީތަކަށް ވެއްދުން ހުއްޓުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ބައެއް ފިޔަވަޅުތައް އަޅައިފައެވެ.