ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް މި އަހަރުގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލުން ބުނީ، މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ބައިވެރިވުމުގެ ޝަރުތުތައް:
- ދިވެއްސަކަށް ވުން
- 18 އަހަރުން މަތީގެ މީހަކަށް ވުން
- ދަސްވެނިން ނުވަތަ ކޮލެޖަކުން ކިޔަވާ ފަރާތަކަށް ވުން
- ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
- އެއް އަހަރަށް ވުރެ ކުރު މުއްދަތެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ، ބޭންކުން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން، ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އަދި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. 2018 ވަނަ އަހަރު ތައާރަފް ކުރި މި ޕްރޮގްރާމުގައި މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން ވަނީ ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ނިންމާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން 70 ޕަސެންޓް ބައިވެރިންނަށް ބޭންކުން ދާއިމީ ވަޒީފާ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.މި ޕްރތޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 2 ވަނަ ދުވަހެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.