ވަކި މީހަކަށް ތާއީދު ގެއްލޭ ގޮތަށް ނުވަތަ ތާއީދު ހޯދަން ދަރުސްތަކުގައި ވާހަކަދައްކައިގެން ނުވާނެ ކަމަށް ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި ބުނެފިއެވެ.

އީސީއިން އިއްޔެ އާއްމު ކުރި ގަވާއިދުގައި ބުނެފައިވާ ވަނީ ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ. އަދި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ވަކި ޖިންސެއްގެ މީހަކަށް ވާތީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާ ކަމަށް ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާތީ އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެ ކަމަށާއި އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެ ކަމަށެވެ. އަދި ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށް ވެސް ގަވައިދުގައި ވަނީ ބުނެފައެވެ.

ސްކޫލްތަކާއި މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށާއި ކިޔަވައިދޭ ތަންތަނާއި އިޖުތިމާއީ ކަންކަން ހިންގާ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތަކާއި އެ އިދާރާތަކުގެ ގޯތިތެރެ އިންތިހާބަށް ކެމްޕޭނު ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް އީސީގެ ގަވާއިދުގައި ބުނެއެވެ.

އެ ގަވާއިދުގައި ވަނީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށް ބުނެފައެވެ.