ފަލަސްތީނަށް ނިސްބަތްވާ ޒުވާނަކު ޔަހޫދީން ތިބި ބަހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ޖަލަށްލައިފައި ވާ އިރު، ބަދަލު ހިފުމުގެ ގޮތުން އޭނާގެ އާއިލާ ދިރި އުޅޭ ގޭގައި ޔަހޫދީން ގޮވާތަކެތި ހަރުކޮށް ގޮއްވާލައިފިއެވެ.
އުމުރުން 27 އަހަރުގެ އިސްލާމް ފާރޫގު ޖަލުގައި ހުރީ އެއްވެސް ޝަރީއަތަކާ ނުލައި ތުހުމަތެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ، ޗެކް ޕޮއިންޓެއްގައި ޔަހޫދީންގެ ބަހަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ދެމީހަކު މަރުވުމުން އެހަމަލާ ރާވާ، ހަމަލާ ދިނުގެ ތުހުމަތެވެ.
ޔަހޫދީން ނިންމާ ކަނޑައަޅާފައި އޮންނަ ގާނޫނެއްގައި، ޔަހޫދީއަކަށް ހަމަލާ ދޭ ޕަލަސްތީނުގެ ކޮންމެ މީހަކީ ހަނގުރާމައިގެ ޖަރީމާ ހިންގި މީހަކަށް ބަދަލުވެއެވެ. އަދަބެއްގެ ގޮތުން، އެމީހުން ބޭނުން ކަމެއް ކުރަމުން ދާ އިރު، އިސްލާމްގެ އާއިލާ ދިރިއުޅޭ ގެއަށް ވަދެ ފާރުތަކުގައި އެކްސްޕްލޯސިވްސް ހަރުކޮށް ގޮއްވާލައި މުޅިތަން ވަނީ ފުނޑުފުނޑު ކޮށްލާފައެވެ.
މި މައްސަލައިގައި އެއްވެސް ގައުމުމަކުން އެއްޗެސް ބުނެފައި ނުވާއިރު، ޔަހޫދީން މިކަން ކޮށްފައި ވަނީ އާންމުކޮށް ވީޑިއޯވެސް ކުރަމުންނެވެ. އަދި އެ ވީޑިއޯތައް ވަނީ އާންމުވެސް ކޮށްފައެވެ.
ޔަހޫދީންގެ މި އަމަލަކީ، ބައިނަލްއަގުވާމީ ގާނޫނު ތަކާއި ގަވައިދުތަކުން މަނާ ކަމެކެވެ. ދަ ހޭގުގެ ގަވައިދުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި އަދި 4 ވަނަ ޖެނީވާ ކޮންވެންޝަނުން ވެސް ޔަހޫދީންގެ މި އަމަލު ގޮޅިއަށް ފެތުނު ނަމަވެސް އެއްވެސް ގައުމަކުން އެކަން ކުށްވެރި ކޮށްލާފައި ނުވެއެވެ. އެ ގާނޫނުތަކާއި ގަވާއިދުތައް ބުނާ ގޮތުން، މީހަކު ކުރާ ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ކައިރި އަވައްޓެރިން ނުވަތަ އެމީހަކު ހުރި ހިސާބު ވަށައިގެންވާ ސަރަހައްދުތަކުގައި ތިބި މީހުން އަދި އެމީހެއްގެ އާއިލާ ނުވަތަ ގުޅުން އޮތް މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއް ދިނުމަކީ ކުށެކެވެ.
މިދިޔަ ޑިސެމްބަރު މަހު ހައްޔަރު ކުރި ފާރޫގުގެ އާއިލާ ދިރިއުޅުނު ގެ [އެޕާޓްމަންޓް] ގޮއްވާލުމުގެ ކުރިން އެންމެން ނިކުތުމަށް ޔަހޫދީން އިންޒާރު ދިނެވެ. އެ އާއެކު ގޮއްވާލައި މުޅި ތަން ވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި އެ އާއިލާގެ އަވައްޓެރިންވެސް ނެރެ ބޭރުކޮށް، އެތަން ގޮއްވާލައި ޔަހޫދީ ސިފައިން އެނބުރި ނުދަނީސް އެސަރަހައްދާ ކައިރިވުންވެސް އޮތީ މަނާ ކޮށްފައެވެ.