ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ހާން 53 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އިއްވައިފިއެވެ.

އާސިފް ހާންގެ މައްޗަށް ދައުލަތުން ނުވަ ދައުވާއެއް އުފުލިއެވެ. އެއީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ 3 ދައުވާއާއި ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ 3 ދައުވާގެ އިތުރުން ޖާއިޒު މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ 2 ދައުވާއެވެ.

އޭގެ ތެރެއިން މިއަދު ހަތް ދައުވާއެއް ސާބިތުވެފައިވާއިރު އެއީ ޖިންސީ ގޯނާކުރުމުގެ 3 ދައުވާއަކާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާގެ އިތުރުން ހަޑިހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާ އަދި ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާއެވެ.

މީގެ ތެރެއިން ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާއަށް 15 އަދި ދެ ވަނަ ދައުވާ އަށް 17 އަހަރުގެ ހުކުމެއް ވަނީ އިއްވާދައެވެ. އަދި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ވެސް ސާބިތުވެ 1 މަހާއި 15 ދުވަހުގެ ހުކުމެއް އިއްވި އިރު ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ އަށް 22 ދުވަހުގެ ހުކުމެއް ވަނީ އިއްވާފައެވެ.

ސާބިތުވި ހަތް ދައުވާގެ އަދަބަކީ 53 އަހަރާއި ދެ މަހާއި ހަތް ދުވަހެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރު ކަމަށްވާތީ އޭނާގެ ހުކުމަކީ އުމުރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.