ނިމިިދިޔަ އެމެރިކާގެ ވެރިކަމުގެ ރައީސް، ޑޮނާލްޑް ޓްރަމްޕް، ވެރިކަމުން ވަޑައިގަންނަވަމުން ގެންދެވި ސިއްރު ލިޔުންތަކުގެ ތެރެއިން ނިއުކްލިއާ ސިއްރުތަކާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު ހިމެނޭ ލިޔުންތައް ބެހެއްޓީ ފާހާނާގައި ކަމަށް ދައުވާ ފޯމުގައި ބުނެފިއެވެ.

37 ތުހުމަތެއް ހިމެނޭ ދައުވާ ފޯމުގައި ބުނެފައި ވަނީ، ލިޔެކިޔުންތައް ވަގަށް ގެންދަވާ ފްލޮރިޑާގައި ހުންނަ ޓްރަމްގެ ރިސޯޓުގެ ބޯލް ރޫމުގައާއި ފާހާނާގައި ލިޔެކިޔުންތައް ބަހައްޓާ އެ ކަމުގެ ތަހުގީގު ކުރިއަށް ދިޔަ އިރު އިތުރުފުޅު ހައްދަވާ އޮޅުވާލައްވާފައި ވާކަމަށެވެ.

އަދި އިންވެސްޓިގޭޓަރުންނަށް ހުރަސް އެޅުއްވުމުގެ ގޮތުން ކިތަންމެ ކަންތައްތަކެއް ކުރައްވާފައި ވާ ކަމަށް ވެސް ބުނެއެވެ.

ލިޔެކިޔުންތައް އަޅާ ޓްރަމްޕްގެ ފާހާނާގައި ބަހައްޓާފައި ހުރި ފޮށިތައް

އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި ވާ ޓްރަމްޕް ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

ޓްރަމްޕްގެ އިތުރުން ވައިޓްހައުސްގައި ޓްރަމްޕްގެ މުޝީރަކަށް އުޅުއްވި ވޮލްޓް ނައުޓާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާއަށް ކުރާ ތުހުމަތަކީ، އެ ފައިލްތައް އެފްބީއައި އަށް ފޮރުވުމަށް އެކިތަންތަނަށް ގެންދެވި ކަމުގެ ތުހުމަތެވެ.

49 ސޮފްހާގެ މައްޗަށް އެކުލެވޭ ޗާޖްޝީޓުގައި ބުނެފައި ވާ ބައެއް ކަންކަން؛

  • އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މައުލޫމާތުތައް ފޮރުވުން
  • އެމެރިކާ އާއި ބޭރުގެ ގައުމުތަކުގެ އަސްކަރީ ޣާބިލުކަމާއި ހަތިޔާރާ ގުޅޭ މައުލޫމާތުތައް ފޮރުވުން
  • އަސްކަރީ ހަމަލާއެއްގެ ނުރައްކާ އޮތްކަމަށް ފެންނަ އެމެރިކާއާއި ބައިވެރިންގެ ތަންތަނުގެ މައުލޫމާތު
  • ބޭރުގެ ހަމާއެއް އަތުވެއްޖެނަމަ އަޅާނެ ކަމަށް ލަފާކުރެވޭ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު

ވަކީލުން ބުނާ ގޮތުގައި، ޓްރަމްޕް އޮފީސް ދޫކުރައްވައި ވަޑައިގެންނެވި އިރު 300 އަށް ވުރެ ގިނަ ކްލެސިފައިޑް [ސިއްރު] ލިޔުން ގެންދެވިއެވެ.

ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓަކީ ގިނަ އަދަދެއްގެ މުއްސަނދިންގެ ޕްރައިވެޓް ކްލަބެއް ވެސް ހިންގާ ތަނަކަށް ވާއިރު، އެ ސިއްރު ލިޔެކިޔުންތައް އެތާގައި [ބޯލްރޫމް] ގައި ބަހައްޓާގައި ހުރި އިރު، އެތައް ހާސް މެންބަރުން ބައިވެރިވެ ޕާޓީތައްވެސް ބާއްވާފައި ވާ ކަމަށް ބުނެއެވެ. ލޯޔަރުން އިތުރަށް ބުނީ، ނުފެނި ވާ ބައެއް ލިޔުކިޔުންވެސް ވާ ކަމަށާއި އެކަމުގައި ޓްރަމްޕް ވިސްނައިދެއްވަން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ލޯޔަރުން އެތަކެތި ނައްތާލީ ނުވަތަ އޭނާގެ އަތުގައި އެތަކެތި އެއްވެސް އިރެއްގައި ނެތް ކަމަށެވެ.

ލިޔެކިޔުންތައް އަޅާ ޓްރަމްޕްގެ ރިސޯޓުގެ ބޯލްރޫމް ސްޓޭޖްގައި ބަހައްޓާފައި

"އަހަރެމެން އަތުގައި އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ނެތޭ ބުނިއްޔާ ރަނގަޅެއް ނުވާނެތަ" ޓްރަމްޕް އޭނާގެ ލޯޔަރުން ގާތުގައި ވިދާޅުވި ކަމަށް ވެސް ޗާޖް ޝީޓުގައި ބަޔާން ކޮށްފައި ވެއެވެ.

މި މައްސަލައިގައި ޓްރަމްޕްގެ މައްޗަށް އުފުލާފައި ވާ ދައުވާގެ ފުރަތަމަ އަޑުއެހުން އޮންނާނީ އޭނާގެ 77 ވަނަ އުފަން ދުވަހާ ދިމާކޮށް މިއާމީގެ ކޯޓުގައި އަންނަ އަނގާރަ ދުވަހުއެވެ.