ތައުބާވުން ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ތައުބާގެ އަހައްމިއްޔަތުކަމާ އޭގެ ދައުރު"ގެ މައްޗަށެވެ.

ހުކުރު ހުތުބާގައި ބުނީ ޝައިތާނާ އިންސާނާއަށް ވަސްވާސްދީ މާޔޫސްކޮށްލި ނަމަވެސް މާތް ﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށެވެ. އަދި މުއުމިނުންތަކުންނަށް އޮތީ ފާފައެއް ކުރިވިއްޖެނަމަ ތައުބާވެ މާތް ﷲގެ މަގަށް ރުޖޫއަވުން ކަމަށާއި ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަމެއް ނުލިބޭނެ ކަމަށެވެ.

ތައުބާވާ މީހާ ހިތުގެ އަޑިން މާތް ﷲގެ ފުއްސެވުމަށް އެދެން ޖެހޭނެ ކަމަށާއި އެކަން އޭނާގެ ދުލުން ފާޅުވާން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވާއިރު އެކަން ތައުބާވާ މީހާ ކުރެވުނު ކުށާމެދު ދެރަވެ ހިތާމަ ކުރަން ޖެހޭނެ ކަމަށް ވެސް ހުތުބާ ގައި ބުނެފައިވެއެވެ. އަދި އެ ފާފައެއް ނުވަތަ ފާފަތަކަށް އެނބުރި ނުދިޔުމަށް އޭނާގެ ހިތުގައި އަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

ހުތުބާގައި އިތުރަށް ބުނީ މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ ނުވަތަ އަނިޔާވެރިވެފައިވާނަމަ އެ މީހެއްގެ ގާތުން މާފަށް އެދި އެމީހާގެ ހައްގު އަދާކޮށްދިނުމުން މެނުވީ ތައުބާ ފުރިހަމަ ނުވާނެ ކަމަށެވެ. ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނަ މީހުން ނޫން ކަމަށާއި އެއީ މާތް އަންގަވާފައިވާ ފަދައިން، ފާފައެއް ކުރެވުމުން ހަޟްރަތަށް އެނބުރި ގޮސް އިސްތިގްފާރުކޮށް މާފު ކުރެއްވުމަށް ދަންނަވާ މީހާއެވެ.

މުސްލިމެއްގެ މައްޗަށް ތައުބާވުން ލާޒިމްވާ 3 ކަމެއް:

  • މާތް ﷲގެ އުގޫބާތުން ރައްކާތެރިވުމަށްޓަކައި ތައުބާވުން
  • އެމީހެއްގެ އަމަލުތައް މާތް ﷲ ގަބޫލުކުރައްވަވާ އަމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުން
  • ސޯލިހު އަމަލުތައް ކުރުމުގައި ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމަށްޓަކައި ތައުބާވުން

ހުކުރު ހުތުބާގައި އިތުރަށް ބުނީ ތެދުވެރި އަޒުމަކާއެކު އިހްލާސްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ އެމީހެެއްގެ ހިތަށް ހިތްހަމަޖެހުން ވައްދަވާ އުންމީދުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވާނެ ކަމަށެވެ.