އައްޑޫ ސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަދި ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އަބްދުﷲ ސާލިހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ވަނީ ކަނޑައެޅިފައިވާ މުއްދަތަށް މިސްކިތުގެ މަސައްކަތް ނިންމައި ދިނުމަށް އެދިފައެވެ. މި ރަސްމިއްޔާތުގައި ރޮޒައިނާ ވިދާޅުވީ މި މިސްކިތަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މިސްކިތެއް ކަމަށާ މިއީ ސަރުކާރުން އެ ރަށުގައި ބިނާކުރާ ފުރަތަަމަ މިސްކިތްކަމަށެވެ.

މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ 13,947,943.70 ރުފިޔާ އަށެވެ،