ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުން އިންޑިއާ 1 ވަނައަށް އަދި ޗައިނާ 5 ވަނައަށް ޖެހިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި، މާކެޓްގެ 11.7 ޕަސެންޓް ހިއްސާއާ އެކު، މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިންޑިއާއިން ވަނީ 97،012 ފަތުރުވެރިން އައިސްފައެވެ. މިއާއެކު މިހާރު އެ ގައުމު ވަނީ ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިންގެ ލިސްޓުން 1 ވަނަ ހޯދާފައެވެ. މިދިޔަ އަހަރު އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމު ވެސް މެއެވެ.

އިންޑިއާ ހޯދި ކުރިއެރުމާއެކު އެއްވަނައިގައި ކުރިން އޮތް ރަޝިއާ ވަނީ ދެވަނަ އަށް ވެއްޓިފައެވެ. މާކެޓްގެ 11.7 ހިއްސާއާ އެކު ރަޝިއާއިން މިހާތަނަށް 96،765 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރު ނިންމާލި އިރު، އެ ލިސްޓުން ރަޝިއާ އޮތީ ދެވަނައިގައެވެ.

އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތައް:

  1. އިންޑިއާ - 97،012 ފަތުރުވެރިން
  2. ރަޝިއާ - 96،765 ފަތުރުވެރިން
  3. ޔޫކޭ - 74،419 ފަތުރުވެރިން
  4. ޖަރުމަނު - 61،506 ފަތުރުވެރިން
  5. އިޓަލީ - 61،023 ފަތުރުވެރިން
  6. ޗައިނާ - 48،496 ފަތުރުވެރިން
  7. ޔޫއެސްއޭ - 34،090 ފަތުރުވެރިން
  8. ފްރާންސް - 29،388 ފަތުރުވެރިން
  9. ސްވިޒްލޭންޑް - 19،283 ފަތުރުވެރިން
  10. ސައުތް ކޮރެއާ - 15،481 ފަތުރުވެރިން

މި ލިސްޓުން ބާރު ސްޕީޑެއްގައި ކުރި ހޯދަމުން އަންނަ ގައުމެއް ގޮތުގައި ފާހަގަ ކުރެވޭ އެއް ގައުމަކީ ޗައިނާއެވެ. ޓޫރިޒަމްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާރު ޗައިނާ އޮތީ އެ ލިސްޓުގެ 5 ވަނައިގައެވެ. މިދިޔަ އަހަރު ޗައިނާ އޮތީ އެ ލިސްޓުގެ 27 ވަނައިގައެވެ.

ކޮވިޑް-19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަލުން އަންނަން ފެށީ ޗައިންނާއިން ރާއްޖެއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް ހުޅުވާލި ފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އިއްޔެއާ ހަމަ ޗައިނާއިން ވަނީ މާލެޓްގެ 5.8 ޕަސެންޓް ހިއްސާއާއެކު، ލިސްޓުގެ ފަސް ވަނައިން ޖާގަ ހޯދާފައެވެ. މިހާތަނަށް ޗައިންާއިން ވަނީ 48،496 ފަތުރުވެރިން ރާއްޖެ އައިސް ފައެވެ.

މި އަހަރުގެ ތެރޭގަައި މިހާތަނަށް 829،091 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިދިޔަ މަހު ތެރޭ 120،966 ފަތުރުވެރިން ވަނީ އައިސްފައެވެ. އޭޕްރީލް މަހު 164،357 ފަތުރުވެރިން އައިސްފައިވާ އިރު، އޭގެ ކުރީ ތިން މަހު ރާއްޖެއަށް އައި ފަތުރުވެރިން އެއަށް ވުރެ ގިނައެވެ. ޖެނުއަރީ މަހު 172،499 ފަތުރުވެރިން، ފެބްރުއަރީ މަހު 177،915 ފަތުރުވެރިން އަދި މާޗް މަހު 173،514 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި އަހަރު ފެށުނު އިރު ޓޫރިޒަމް އަމާޒުގެ ގޮތުގައި ބުނެފައި ވާ 1.81 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް ޓުރިޒަމް ރަނގަޅުވަމުން އަންނާތީ އެ އަމާޒު ވަނީ 1.93 މިލިއަނަށް އިތުރުކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގާއި 8 ލައްކަ ފަތުރުވެރިން އައިސްފައިވާ އިރު، ބާކީ އޮތް ހަތް މަސް ދުވަހުގެ ތެރޭގައި އަމާޒް ހާސިލް ކުރެވޭނީ 1.1 މިލިއަން ފަތުރުވެރިން ހަމަކޮށްގެންނެވެ.