މިއަހަރު މިހާތަނަށް ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދިޔަ 62 ގައިދީއަކަށް މައާފް ދީ ދޫކޮށްލާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރު ފެށީިގެން އޭޕްރީލް މަހުގެ ނިޔަލަށް މިހާތަނަށް ޖަލުން ދޫކޮށްލި މީހުންގެ އަދަދަކީ 208 އެކެވެ. އޭގެތެރެއިން 56 މީހުންނަކީ ބަންދުގައި ބަހައްޓާފައި ތިއްބާ ދޫކޮށްލުމަށް ކޯޓުން އަމުރު ކުރުމުން ދޫކޮށްލި މީހުންނެވެ.

މިއަހަރު ތެރޭ ޖަލުން ދޫކޮށްލި 208 މީހުންގެ ތެރެއިން ޖަލު ހުކުމް ތަންފީޒްކޮށް ނިމުމުން 72 މީހަކު ދޫކޮށްލާފައި ވާ އިރު، 62 ގައިދީއަކު ދޫކޮށްލާފައި ވަނީ މައާފު ދިނުމަށް ފަހުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެއާއެކު ޕެރޯލްގެ ދަށުން 16 މީހަކު ޖަލުން ދޫކޮށްލާފައިވާ އިރު، 2 މީހަކު ވަނީ އެމީހުން ތަންފީޒް ކުރަމުން ދިޔަ ހުކުމް ބާތިލް ކަމަށް ނިންމުމުން ދޫކޮށްލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މައާފް ދީ ދޫކޮށްލި ގައިދީންގެ ތަފާސްހިސާބު:

  • ޖެނުއަރީ މަހު 16 ގައިދީއަކު
  • ފެބްރުއަރީ މަހު 31 ގައިދީއަކު
  • މާޗް މަހު 3 ގައިދީއަކު
  • އޭޕްރީލް މަހު 12 ގައިދީއަކު

އެންމެ ގިނަ މީހުން ޖަލުން ދޫކޮށްލާފައި ވަނީ، ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަހު 62 މީހަކު ޖަލުން ދޫކޮށްލާފައިވާ އިރު މައާފް ދީ ދޫކޮށްލާފައި ވަނީ 31 މީހުންނެވެ.

ޕެރޯލްގެ ދަށުން ޖުމްލަ 16 މީހަކު މިހާރު ދޫކޮށްލާފައިވާ އިރު، ޖެނުއަރީ މަހު 3 މީހުން، ފެބްރުއަރީ މަހު 9 މީހުން، މާޗް މަހު އެކަކު އަދި އޭޕްރިލް މަހު 3 މީހުން ވަނީ ދޫކޮށްލާފައެވެ.

ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްލަނީ ހުކުމުން ބައެއް ތަންފީޒު ކުރުމަށް ފަހު، އޭނާގެ ސަބަބުން މުޖުތަމައަށް ގެއްލުމެއް ނުވާނެ މީހުން ބަލައިގެންނެވެ. ވަކި ޝަރުތުތަކަކާ އެކު ޕެރޯލް ބޯޑުން އެ މީހުން މިނިވަން ކުރާއިރު ވަކި މުއްދަތެއް ވާންދެން، އެ މީހުން އުޅޭނޫޅޭ ގޮތް ބަލައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުށެއް ކޮށްފި ނަމަ އަލުން ޖަލަށް ގެންގޮސް، ކުރީގެ ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރަން ޖެހެއެވެ.