ރާއްޖޭގައި ދަރިމައިވުމަށް އައިވީއެފް ހެދޭނެ އެންމެ މަތީ އުމުރަކީ 42 އަހަރު ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

ހެލްތު މިނިސްޓްރީން 'ނެޝަނަލް ސްޓެންޑަޑް ފޯ އެސިސްޓެޑް ރީޕްރޮޑަކްޓިވް ޓެކްނޮލޮޖީ'ގެ ނަމުގެ އެކުލަވާލި ގައިޑްލައިންގައި ވާ ގޮތުން އައިވީއެފްގެ ފަރުވާ ދިނުމުގެ ކުރިން ބަލަން ޖެހޭނެ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މި ގޮތުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އުމުރުން 40 އަހަރުން ދަށުގެ އަންހެނުން، ދޭތެރެ ދުރުކުރާ ވަސީލަތެއް ބޭނުންނުކޮށް އެއް އަހަރު ވަންދެން ދަރިއަކު ހޯދަން މަސައްކަތް ކުރަންޖެހެއެވެ. ނުވަތަ އާޓިފިޝަލް އިންސެމިނޭޝަންގެ 12 ސައިކަލް ފުރިހަމަ ކުރުން ޖެހެއެވެ.

މީގެއިތުރުން އެފަދަ މީހުންނަށް، އައިސީއެސްއައި ހިމަނައިގެން ނުވަތަ ނުހިމަނާ، އައިވީއެފްގެ ތިން ބުރުގެ ފުރުސަތު ދޭންޖެހެއެވެ. ފަރުވާ ދެނިކޮށް 40 އަހަރު ފުރިއްޖެ ނަމަ، އެ ބުރު ނުވަތަ ސައިކަލް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ނަމަވެސްއޭގެ ފަހުން އިތުރު ބުރެއްގެ ފުރުސަތު ނުދިނުމަށްވެސް ވަނީ ޝަަރުތު ކޮށްފައެވެ.

އައިސީއެސްއައި ހިމަނައިގެން އަދި ނުހިމަނާ ވެސް، އައިވީއެފްގެ އެއް ބުރު ފުރިހަމަކުރުމަށްވެސް ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މި ގޮތުން މީގެ ކުރިން އައިވީއެފްގެ އެއްވެސް ޓްރީޓްމަންޓެއް ނަގާފައި ނުވުމާއެކު އައިވީއެފް ހަދަން ބާރުދޭ ނުވަތަ މާބަނޑުވާން ޖެހޭ ކަމަށް ބާރުދޭ އިތުރު ސިއްހީ ސަބަބެއް ހުރުން ހިމެނެއެވެ. އަދި ލޯ އޯވޭރިއަން ރިޒާވްއެއް ނެތުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ހިދުމަތް ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށާފައި ވަނީ މިދިޔަ މަހު ތެރޭގައެވެ.