"ބަންޑާރަ ނައިބުގެ ދެ ފަރާތުގައި ތި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ،" ސަލީމް ވިދާޅުވިއެވެ.

'މަޖަލަކަށް' ހައްދަވައި ސަލީމް އެހެން އެއްސެވީ ރިޔާސަތުން އޭނާ އަށް އެކަން ސާފުކޮށްލަ ދިނުމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ސަލީމްގެ ވާހަކަ ހުއްޓުވައި ނަޝިދު ވިދާޅުވީ، ސަލީމް ނިސްބަތް ކުރެއްވި މޭރުމުން އެ ދެބޭފުޅުންނާ މެދު މުހާތަބު ނުކުރެއްވޭނެ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ އަކީ "ތާކުން ތާކު ނުޖެހޭ" ނިޒާމީ ނުކުތާ ތަކާ އެކު މަޖިލީހުގެ ވަގުތު ދުއްވާލި ޖަލްސާއެކެވެ.

މޮރިޝަސް އާއި ރާއްޖެ އާ ގުޅޭ ކަނޑު ބަހާލި މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރިފްއަތާއި އެ އޮފީހުގެ 2 ވެރިން ކަމުގައި ވާ ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ރިފްއަތާ އެކު ވަޑައިގެން އިންނެވި އިރު އެތައް އިރަކު އެ ދެބޭފުޅުން އިށީނަ ނުދީވެސް މަޖިލީހުން ހިފެހެއްޓިއެވެ. އެ ދެބޭފުޅުންނަށް އިށިނދެވަޑައިގަތުމުގެ ފުރުސަތު ނުދީ ހިފެހެއްޓީ އެއީ 2 ވަލީކުން ކަމަށް ބަލައި ވަކީލަކު ގެންނަކަން އޭޖީ އޮފީހުން މަޖިލީހަށް އަންގާފައި ނުވާކަމަށް ބުނެއެވެ.

މަޖިލީހުން ދެއްކި ހުއްޖަތަކީ، އެއްވެސް އިރެއްގައި އެޓާނީ ޖެނެރަލް، އެމަނިކުފާނު އަރިހުގައި ވަކީލަކު ގެންނަން ބޭނުންވާކަން މަޖިލީހުގެ އިދާރާއަށް އަންގަވާފައެއް ނުވާ ކަމަށާއި ޖަލްސާ ކުރާ މާލަމަށް ވަދެވޭނީ މަދުވެގެން 2 ބޭފުޅުންކަން މަޖިލީހުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވުމެވެ. އެހެން ކަމުން އެ ކަމުގައި މަޖިލީހުން އަމަލުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް މަޖިލީހަށް ވަޑައިގެން ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ އެދޭފުޅުން އިށީންނެވުމަށް ހުއްދަ ދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި ސަލީމް، އެ ދެބޭފުޅުންނަށް ފުރައްސާރަ ކުރެއްވީ މަޖިލީހުގައި ހިނގި ބަހުސްގައި، ނިޒާމީ މައްސަލަތައް ނަގަމުން ދިޔަ އިރު ފުރުސަތެއް ހޯއްދަވައި ރިފްއަތާ އެކު ތިއްބެވި ދެ ބޭފުޅުންނަށް އަމާޒުކުރެއްވައެވެ. އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރިތޯ ސުވާލު އުފައްދަވައި ފާޑުވިދާޅުވުމުގެ ތެރެއިން އޭނާ އައްސަވަނީ އެ ދެ ބޭފުޅުންނަކީ "18 އަހަރު ނުފުރޭ ދެ ކުދިންތޯ" އެވެ.

ސަލީމް ފުރައްސާރަ ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ފާތިމަތު ހަލީމް އަކީ އޭނާއާ އާއިލީ ގޮތުންވެސް ގާތް ބޭފުޅެކެވެ. ސަލީމާއި ފާތުމަތު ހަލީމްގެ މުނިމާމަ އަކީ އެކަކެވެ.

އެމޭރުމުން ސަލީމް އެ ދޭފުޅުންނާ މުހާތަބު ކުރެއްވުމުން ބައެއް މެންބަރުންނަށް ވެސް 'މަޖާވެގެން ހޭ އަޑު' އިވުނެވެ. ނަމަވެސް އެހެން ބައެއް މެންބަރުން ވަނީ އެކަމާ ފާޑު ވިދާޅުވެ އެއީ "ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއެކު ތިއްބަވާ އަންހެނުންނަށް ކުޑައިމީސްކޮށް، ފޮށެން ފެށުން" ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބޮޑުބައެއް ދުއްވާލީ ނިޒާމީ ނުކުތާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ކޮށް 'ޗޯރު އިބުރޭ' ލަވަ ޖެހުމުގައެވެ.

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުން ތަމްސީލު ކުރަން ވަޑައިގެން ތިއްބަވާ ހަރުދަނާ މަސައްކަތެއް ނުކުރެވި ވަގުތު ބޭކާރު ކުރައްވާ ކިތަންމެ ޖަލްސާއެއް ނިންމާލާފައި ވާ އިރު މިއަދަކީ ވެސް އެފަދަ އެއް ދުވަސް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.