އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހާރު އައްޑޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަނީ އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވާ އައްޑޫސިޓީގައި އަންހެނުންގެ ތަރައްގީއަށް ކުރިޔަށް ގެންދެވޭ މުހިންމު ކަންކަމާ ގުޅޭ ގޮތުންނާއި އެކޮމެޓީއަށް ކުރިމަތިވާ ދަތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކައުންސިލުތަކުގެ ބަޖެޓުން މިހާރު ކަނޑައަޅާފައިވާ އިންސައްތަ މިހާރަށްވުރެ މަތިކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ސިޓީ ކައުންސިލުތަކުން ކޮމެޓީގެ މެންބަރުންނަށް އިތުރު އެލަންވަންސްތައް ހަމަޖެހުން ފަދަ ކަންކަން ފަހިކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުންވެސް އަންހެނުން އިތުރަށް ބާރުވެރިކުރުމަށް މަގުފަހިކުރުމަށް ކުރަންހުރި އިތުރުކަންކަން މެންބަރުން ވަނީ ފާހަގަކޮށްފައެވެ.
އަންހެނުންގެ ކޮމިޓީގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް ރައީސް ވިދާޅުވީ ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާ ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ފަހިކުރެވެންހުރި އިތުރު ކަންކަން ބައްލަވައި އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށް ދެއްވާނެކަމަށެވެ.