މަސްވެރިނަށް ލުއި ފަސޭހަ ގޮތް ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި އައްޑޫސިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި އެ ކައުންސިލުން މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމަށް އެދުލެއްވުމާ ގުޅިގެންނެވެ.
އެ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ހާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އާ ހިދުމަތްތަކެއް ތައާރަފުކުރެވި އަދި ކެތްލެބްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއި ފަސޭހަތައް ލިބެމުން އަންނަކަން ވެސް އެ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
އެ ކައުންސިލުން ވަނީ ތައުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކޮށްފައިވާ މަސައްކަތްތަކާއި ތައުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އެކަމަށްޓަކައި ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ.
އެ ކައުންސިލުން ވަނީ ކުނީ މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ސިޓީ ކައުންސިލުގެ އިންސާނީ ވަސީލަތް އިތުރުކުރުމަށާއި އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު އިތުރުކަންކަމާއި ހައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.