މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫއުތަކެއް ނިމޭއިރު އައްޑޫ ސިޓީގައި 7000 ޓުއަރިސްޓް އެނދު އޮޕަރޭޓްކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ބިން އިތުރު ކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ފެށުނު މި މަޝްރޫއަކީ އައްޑޫގެ ތަރައްގީއަށް ހެޔޮ ބަދަލެއް އަންނާނެ މަޝްރޫއެއް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މި ބިޔަ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ ކަމަށާއި އަދި އިތުރު ދެ މަޝްރޫއުގެ ދަށުން 42 ހެކްޓަރުގެ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ރާވާފައިވާ ކަމަށެވެ.
މި ސަރުކާރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ އެކި ފަންތީގެ ފަތުރުވެރިކަމާ ގުޅޭ ވަސީލަތްތަކަށް ފަހިވާގޮތަށް ހަންކެޑަ ފަރުމާކޮށް ތަރައްގީ ކުރަނީ އެ މަޝްރޫއަކީ އިންޓަރގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ ވަށާޖެހޭ މަޝްރޫއަކަށް ވާތީ ކަމަށެވެ.
އަދި ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ނިންމާނޭ ކަމަށާއި ހުރިހާ މަޝްރޫއުތަކެއް ނިމޭއިރު 7000 ޓުއަރިސްޓް އެނދު އައްޑޫގައި އޮޕަރޭޓް ކުރެވޭނެ ކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރަކީ އަބަދުވެސް ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދާ ސަރުކާރެއްކަން ފާހަގަކޮށް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކުރިން ކޮންކްރިޓް އަޅައިގެން ހަނދަން ހަމަޖެހިފައިވާ 67 ކިލޯމީޓަރުގެ މަގުތައް ރައްޔިތުން އެދުނު ގޮތަށް ތާރުއަޅައިގެން ހެދުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މި ހާއްސަ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ސޯލިހް އައްޑޫއަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
3 ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިންތިހާބު ކައިރިވާ ވަރަކަށް ތިކަހަލަ ލައްކަ އަޑުއިވޭނެ…
އައްޑޫގައި ރަނުން ގަނޑުވަރެއް އެޅިޔަސް ކަނޑު ވިއްކާލީމާ ދެކޮޅެއް ނުޖެހޭ.