ޗާގޯސް މައްސަލާގައި އެޅެން ހުރި ފިޔަވަޅުތައް ނޭޅޭ ނަމަ ސަރުކާރުގެ އިސްބޭފުޅުން ގޭގައި ތިއްބެވުމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ގޮވާލައްވައިފިއެވެ.

މުނައްވަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށް ދާ "ކަނޑު ވިއްކުމާ ދެކޮޅު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުނައްވަރު ވިދާޅުވީ، ދިވެހި ރައްޔިތުން އެއްވީ ސަރުކާރުގައި ކަމެއް އެދެން ނޫން ކަމަށާއި މިއަދުގެ އެއްވުމަކީ ސަރުކާރަށް ޑިމާންޑެއް ކުރަން ބޭއްވި އެއްވުމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ސަރުކާރަށް ޑިމާންޑު ކުރަނީ، މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށާއި ދިވެހިރާއްޖެގެ ސަރަހައްދު އޭގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުން ކަނޑައަޅާފައި އޮތް ގޮތް އިމުގެ ތެރޭގައި ދަމަހައްޓައި ދިނުމަށް ކަމަށެވެ.

މުނައްވަރު ވަނީ ކަނޑު ދޫކޮށްލެވިފައި އޮތީ އިހުމާލަކުން ކަމަށް ގަބޫލު ކުރެވެން ނެތް ކަމަށާއި އޭގެ ސަބަބުތައް ވެސް ވަރަށް ސާފު ކަމަށެވެ.

ސަރުކާރަށް މި ޑިމާންޑު ކުރަނީ އެކަމާ ގުޅިގެން އެޅެން ހުރި ފިޔަވަޅުތައް ވަރަށް ގިނައޭ، އަޅުއްވާށޭ، ފިޔަވަޅެއް ނެތޭ ވިދާޅު ނުވާށޭ، ރަނގަޅަށް އެނގިވަޑައިނުގަންނަވާނަމަ ގޭގައި އިންނަވާށޭ، އިސްތިތުފާ ދެއްވާށޭ
މުނައްވަރު

މުނައްވަރު ވަނީ ޗާގޯސް އަކީ އާންމު އާބާދީއެއް އޮންނަ ތަނެއް ނޫން ކަމަށާއި އެ ތަނަކީ ކުރިން ދިވެހިންގެ ތަނެއް ކަމަށް މެޕް ތަކުގައި ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ތަން ލިބެން ވާނީ ދިވެހިންނަށް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ގައުމުގެ ދެކުނަށް އެހެން ގައުމެއް ނޯންނާނެ، ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި އޮތީމާ އެ ތަނުން އެހެން ގައުމެއް އެ ފެންނަނީ،
މުނައްވަރު

މިރޭ ބާއްވާ މި ޖަލްސާއަކީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލި ކަމަށް ބުނެ، ބާއްވާ ޖަލްސާއެކެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.