"ކަނޑު ވިއްކުމާ ދެކޮޅު" އިއްތިހާދުން މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާނެ ކަމަށް ބުނަމުންދާ މައުލޫމާތު ލިބިފައިވާ ކަމަށް، ފުލުހުން ބުނެފިއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ އާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނީ:

  • މިރޭގެ ޖަލްސާގައި ގާނޫނާ ހިލާފު އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް
  • މި ޖަލްސާގައި ބައިވެރިވާ ބައެއް މީހުން ގާނޫނާ ހިލާފު ކަންކަން ކުރުމަށް ރާވަމުންދާ ކަމަށް

ފުލުހުން ވަނީ މިރޭގެ ޖަލްސާގައި ބައިވެރިވާ މީހުން އާންމު ސުލްހަ އަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ޖަލްސާ ކުރިއަށް ގެންދިއުމަށާއި، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ މަހުގެ 14 ގައި ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ،، ރާއްޖެ މޮރިޝަސް މައްސަލައާ ގުޅިގެން ބޮޑު ޖަލްސާއެއް މިރޭ ބާއްވާނެ ކަމަށާއި އެ އެއްވުމަކީ އެއްވެސް ހާލެއްގައި ސިޔާސީ އެއްވުމެއް ނޫން ކަމަށެވެ.

މިރޭ ބާއްވާ ޖަލްސާ އާ ބެހޭގޮތުން އެ އިއްތިހާދުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މިރޭ ބާއްވާ ޖަލްސާ އަކީ ސުލްހަވެރި، އަދި ގައުމީ ޖަލްސާ އެއް ކަމަށެވެ.

މި ޖަލްސާ ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށާއި އިޓްލޮސްގެ ނިންމުމަކީ ކިހިނެއް ނިންމި ނިންމުމެއް ކަން އެނގިގެންދާނެ ކަމަށް އެ އިއްތިހާދުން އިއްޔެ ބުންޏެވެ. އަދި މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާއި އިހުމާލުވީ ފަރާތްތައް ވެސް މިރޭ އެނގިގެންދާނެ ކަމަށް އިއްތިހާދުން ބުންޏެވެ.