ހއ. ފިއްލަދޫ، ހިތަށްފިނިވާގޭގައި ރޭ މެންދަމުގެ ވަގުތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮން އަނދާ ހުލިވެއްޖެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 1 ޖަހާ ހާއިރު ކަމަށާއި އެ ގޭގައި 7 މީހުން ދިރިއުޅުން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިންނާއި ދެ އަންހެނެއްގެ އިތުރުން އުމުރުން ދުވަސްވީ ދެ މީހަކު ދިރިއުޅުމުން ދިޔަ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

އެ ހާދިސާގައި މުޅި ގެ އެއްކޮށް އަނދާ ހުލިވެފައިވާ އިރު ލިބުނު ގެއްލުމުގެ އަގު އަދި އެނގިފައިނުވާ ކަމަށާއި ލިބުނު ގެއްލުމާއި ހަލާކުވީ ކޮން އެއްޗެއްސެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

ފިއްލަދޫ، ހިތަށްފިނިވާގެ އަނދާ ހުލިވެފައި--
"މުޅި ގެ އެއްކޮށް އަނދާ ހުލިވީ ބޭނުން ކުރާނެ އެކަށްޗެއްވެސް ނެތް"
ކައުންސިލްގެ ރައީސް

އެ ހާދިސާ ހިނގި އެ ވަގުތު އެ ގޭގެ އެންމެން ތިބީ ނިދާފައި ކަމަށާއި އެ ގޭގައި އުޅޭ އަންހެނަކަށް ހޭލެވުނީ ހޫނުވެގެން ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އަދި ކޮޓަރިން ނިކުމެ ބެލި އިރު މީޓަރު ބޯޑުގައި އަލިފާންރޯވެ ސީލިންގާއި ސޯފާއެއްގައިވެސް އަލިފާން ހިފާފައިވާ ކަަމަށް އެ މީހާއާ ހަވާލާދީ ފަތުހުﷲ ވިދާޅުވިއެވެ.

"ކޮޓަރިއަށް ހޫނުވެގެން އެގޭ މީހެއްގެ އަންހެނުން އުޅޭނެ ޖަޕާނު މީހެއް އޭނާ އަށް ހޫނުވެގެން ކޮޓަރިން ނިކުތް އިރު މީޓަރު ބޯޑުގައި އަލިފާންރޯވެ މައްޗަށް އަރާ ސީލިންގުގައި ހިފައިފާ އަދި ކައިރި ހުރި ސޯފާއެއްގައިވެސް ހިފާފައި ހުރީ . އޭނާ އަވަސް އަވަހަށް ހުރިހާ ކޮޓަރިއެއްގެ ދޮރުގައި ތަޅާ މީހުން ނެރެ"
ކައުންސިލްގެ ރައީސް

ފަތުހުﷲ އިތުރަށް ވިދާޅުވީ ކައުންސިލްގެ ބެލުމުގެ ދަށުން މިހާރު އެ މީޙުން ތިބީ ވަގުތީ ހިޔާއެއްގައި ކަމަށެވެ.

އެކަމާ ގުޅިގެން އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި ދިިރިނޫޅެވޭ ވަރަށް އެ ގެ އަނދައިގެން ގޮސްފައި ވާތީ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.