މާލެއިން ފުރައިގެން ރ. މަޑުއްވަރީއަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓު އަޑިއަށް ހިނގައްޖެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ މާލެއިން ފުރައިގެން 15 މީހުނާއެކު ދަތުރުކުރަމުން ދިޔަ އާލާ ބޯޓު ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އަންހެނުން ވެސް ތިބި ކަމަށް މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވަނީ ވިދާޅުވެފައެވެ.
އަފި އެ ބޯޓުން ދަތުރުކުރަމުން ދިޔަ 15 މީހުން މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްއަށް ނަގާފައިވާ ކަންވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ފަތިހު 05:22 ހާއިރުކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބެރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ޅ. މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް ވެސް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސޯދިގު ވިދާޅުވީ މާލެއިން ފުރައިގެން ރ. މަޑުއްވަރީއަށް ދަތުރުކުރަމުންދިޔަ އާލާ ބޯޓަކީ އެ ރަށުގައި މާލެ ދަތުރުކުރަން ބޭނުންކުރާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ކަމަށެވެ.
އެ ހާދިސާ ދިމާވެފައިވަނީ ރާޅެއް އަރާ އިންޖީނުނިވިގެން ކަމަށާއި ބޯޓުގައި އަންހެނުންވެސް ހިމެނޭ ކަމަށް ސޯދިގު ވިދާޅުވިއެވެ. އެހެންނަމަވެސް ބޯޓުގައި ތިބި އަންހެނުންގެ އަދަދު އަދި ކަށަވަރު ނުވާ ކަން ސޯދިގު ވަނީ ފާހަގަކުރައްވާފައެވެ.
ސޯދިގު އިތުރަށް ވިދާޅުވީ އާލާ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޑުއްވަރީ ލޯންޗެއް އެ ސަރަހައްދަށް ދިއުމަށް ފުރާފައިވާ ކަމަށެވެ.