މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރު ވިލިމާލޭގައި ހަމަލާދީ މަރާލި ނ. މާޅެންދޫ، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފަށް މިރުޒާގެ އާއިލާއިން މައާފުދީފިއެވެ.

މިރުޒާ މަރާލި މައްސާލާގައި މީގެ ކުރިން ހުރިހާ ވާރިސުން ބޭނުންވެގެން އެ މައްސަލާގައި ދައުވާ ކުރި ނަޒީފްގެ އިތުރުން ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމަށް ހައި ކޯޓުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ.

ނަޒީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރި ނަމަވެސް މިރުޒާގެ ވާރިސުން މައާފު ދިނުމުން ސްޕްރީމް ކޯޓުން ނިންމީ ނަޒީފަށް ތައުޒީރީ އަދަބެއް ދިނުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

ނަޒީފަށް މާފުކުރި ކަމަށް ބުނެ މިރުޒާގެ ބައްޕަގެ ފަރާތުން ސިޓީއެއް ލިބިފައިވާތީ މީގެ ކުރިން މިރުޒާގެ ވާރިސުން ސްޕްރީމް ކޯޓަށް ހާޒިރުކޮށްފައި ވާއިރު މިރުޒާގެ ބައްޕަ ވަނީ ނަޒީފްގެ ފަރާތުން އޭނާއާ ބައްދަލުކޮށް، އެ ގޮތަށް އެދުމުން މާފުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި މިރުޒާގެ ބައްޕަގެ އިތުރުން، މިރުޒާ ވާރިސުންގެ ގޮތުގައި ދެން ތިބި ތިން މީހުން ވެސް ވަނީ ނަޒީފަށް މާފު ދީފައެވެ.

ފަނޑިޔާރުންގެ ބެންޗުން މާފު ދިނުމަށް އެއްވެސް ބިރެއް ދެއްކިތޯ ސުވާލުކުރުމަށް މިރުޒާގެ ބައްޕަ ވަނީ އެއްވެސް ބިރެއް ދައްކާފައި ނުވާ ކަމަށް ބުނެފައެވެ. އަދި ނަޒީފަށް މާފު ދިނުމުގެ ކުރިން ދީނީ އިލްމުވެރިއެއްގެ ލަފާ ހޯދި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބެންޗުން ނަޒީފްގެ ފަރާތުން މާފަށް އެދުނިންތޯ ސުވާލުކުރުމުން ނަޒީފްގެ ވަކީލް ވަނީ އޭނާ ކުށަށް އިންކާރު ކުރިޔަސް، ނަޒީފްގެ އާއިލާ އާއި ރަހުމަތްތެރިން އަމިއްލަ އަށް އިސްނަގައިގެން މިރުޒާގެ އާއިލާއާ ވާހަކަ ދެއްކި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިންސާނެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމާ މެދު ނަޒީފް ވެސް ހިތާމަކުރާ ކަމަށް އެނާގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލާގައި ދެން ދައުވާކުރި ޝިފާއުގެ މައްޗަށް ވެސް މީގެ ކުރިން ވަނީ މަރުގެ ހުކުމް އިއްވައިފައެވެ. އެހެންނަަވެސް އޭނާއަށް ވެސް މިރުޒާގެ ވާރިސުން މައާފު ދިނުމުންތައުޒީރީ އަދަބެއްގެ ގޮތުގައި އޭނާ 17 އަހަރާއި ހަ މަހަށް ޖަލަށްލުމާއި ކައްފާރާގެ ގޮތުން ދެ މަސް ދުވަހު ރޯދަ ހިފަން ވަނީ ހުކުމްކޮށްފައެވެ.