އަންނަ މަސް ފެށުމާ އެކު ނ. ލަންދޫގައި ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށް ކުނި އުކަން ގެންގޮސްފައިވާ ޕިކަޕުގައި އަލިފާން ރޯކޮށްލައި އަންދާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވިދާޅުވީ، އެ ހާދިސާ ހިނގައިގެން އޭނާއަށް މައުލޫމާތު ލިބުނީ ރޭ މެންދަމު 3:50 ހާއިރު ކަމަށެވެ. އެއާއެކު އެ ޕިކަޕުގައި ރޯވި އަލިފާން ނިއްވާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަލިފާން ނިއްވާލެވުނު އިރު ޕިކަޕުގެ ބޮޑުބައެއް ވަނީ އަނދާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕިކަޕަކީ ސަރުކާރުން އެރަށަށް ހަދިޔާ ކޮށްފައިވާ ޕިކަޕެއް ކަމަށާއި އެއީ ކުނި މެނޭޖްކުރުމުގެ ބޭނުމަށް ލިބިފައިވާ ޕިކަޕެއް ކަމަށް މަންސޫރު ވިދާޅުވިއެވެ. މާދަމާ އަކީ ކުނި މެނޭޖްކުރަން ފަށަން ނިންމާފައިވާ ދުވަސް ކަމަށާއި އެ މަސައްކަތް ފަށަން ތައްޔާރުވެފައި އޮއްވާ ޕިކަޕުގައި ހުޅުޖެހީ ކޮން ބައެއް ކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށް މަންސޫރު ވިދާޅުވިއެވެ.

ލަންދޫގެ ކުނި މެނޭޖްކުރުމަށް ހަދިޔާ ކުރި ޕިކަޕުގައި ރޯވެ އަނދާފައި / ފޮޓޯ: ލަންދޫ ކައުންސިލް
"ރޯވި ހަބަރު ލިބުމާ އެކީ ވަރަށް އަވަހަށް ގޮސް އަލިފާން ނިވާލެވުނު. އެކަމަކު ޕިކަޕު އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި، މިދިޔަ މަހު ލިބުނު ޕިކަޕެއް އެއީ. މާދަމާ ކުނި މެނޭޖްކުރަން ފަށަން ތައްޔާރުވެގެން މިތިބީ."
ނައިބު ރައީސް މަންސޫރު މުހައްމަދު

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި، ކައުންސިލުން ވާނީ ފުލުހުންނަށް ސީސީޓީވީ ފުޓޭޖްވެސް ހިއްސާކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ އިރު، ގޭބިސީތަކުން ރަޖިސްޓްރީ ވުމަށް ކައުންސިލުން ވަނީ އެދިފައެވެ. ނަމަވެސް ބައެއް ގޭބިސީތަކުން އަންނަނީ ކުނި ނެގުމަށް ނަގާ ފީ ބޮޑު ކަމަށް ބުނެ ޝަކުވާ ކުރަމުން ކަމަށް މަންސޫރު ވިދާޅުވިއެވެ.

ކައުންސިލުން ނިންމާފައި ވަނީ ކޮންމެ ގޭބިސީއަކުން ވެސް 200 ރުފިޔާގެ ފީއެއް ނަގަން ކަމަށާއި އެ އަގު ކަނޑައަޅާފައި ވަނީ މިނިމަމް ވޭޖް ގަވާއިދާ އެއްގޮތަށް މުސާރަ ކަނޑައަޅާ ނަމަ އެ ވަރުގެ ފީއެއް ނަގައިގެން ނޫނީ އެ މަސައްކަތް ނުކުރެވޭނެތީ ކަމަށް މަންސޫރު ވިދާޅުވިއެވެ. އެ ރަށުގެ ބައެއް މީހުން ކްނބޮޑުވުން ފާޅުކުރަމުން ދަނީ، ކުރީގެ ކައުންސިލުން ކުނި މެނޭޖް ކުރަން ފީއެއްގެ ގޮތުގައި 150 ނަގަން ނިންމާފައި އޮއްވާ އެ އަދަދު 200 އަށް ބޮޑު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުނި ނަގާ ޕިކަޕް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާތީ، މިނިސްޓްރީއާ ވާހަކަ ދައްކައިގެން އިތުރު ވެހިކަލެއް ލިބޭނެ އިންތިޒާމް ހަމަޖެހޭތޯ މަސައްކަތް ކުރާނެ ކަމަށް އޭނާ ވުދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އެ ވަރު ވެހިކަލެއް ހޯދަން ވަގުތު ނަގާނެތީ ކައުންސިލްގެ ވިސްނުން ހުރީ ކައުންސިލްގެ ހަރަދުގައި ދެ ބަގީއެއް ގަނެ، މިހާރު ކައުންސިލުން ބޭނުން ކުރާ ބަގީއާއެކު ތިން ބަގީގައި ކުނި އުކުމުގެ ކަންކަން ކުރިއަށް ގެންދަން ކަމަށް މަންސޫރު ވިދާޅުވިއެވެ. ޕިކަޕެއް ލިބެން ދެން ވެސް މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ ރަށަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށް މަންސޫރު ފާހަގަ ކުރެއްވިއެވެ.