މިދިޔަ މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި މާލޭން ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދު ކޮށްފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހު މަނަދޫން ހައްޔަރުކުރި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން، ރޭ މާލޭން ހައްޔަރުކުރި 21 އަހަރުގެ މީހާއެވެ.

ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި އާންމުނުކުރި ނަމަވެސް، ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ހިމެނޭކަން ހާމަވެފައިވެއެވެ.

އެގޮތުން އެ މައްސަލައިގައި، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ،މަނަދޫން ހައްޔަރުކުރި އުމުރުން 23 އަހަރުގެ އަހުޒަމް އަބްދުއްޝަކޫރުގެ ބަންދަށް 14 ދުވަސް މަނަދޫގެ ކޯޓުން ވަނީ އިތުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އަހުޒަމް ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެއެވެ.

ނައީމާ މަރާލި މައްސަލައިގައި ޝާމިލްވާ މީހުން ދަތުރުކުރި ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، އެ ކާރުގެ ވެރިފަރާތަކީ ރޭ ހައްޔަރުކުރި 21 އަހަރުގެ ޒުވާނާއެވެ.