މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސިވިލް ކޮތަސް ހުށަހަޅާފައިވާ މައްސަަލައިގައި ޝަރީއަތުން ވަކިގޮތެއް އަންގަންދެން އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
އެމްއާރްއެމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަަލައިގައި ވަނީ އީސީން އެ ޕާޓީ އުވާލަން ނިންމާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަވެފައި ވަނިކޮށް ކަމަށާއި އެ ނިންމުން ބާތިލްކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި އީސީގެ އެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ.
އެމްއާރްއެމުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ގަސްތު ކުރާ ކަމަށާއި ވަގުތީ އަމުރަކަށް އެދެނީ އެ ޕާޓީ އުވާލުމަށް އީސީން ނިންމައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާފައިވާތީ ހުށަހަޅާ މައްސަލައިގެ މައުޟޫއީ ފަރުވާ ހާސިލް ނުވާނެތީ ކަމަށް އެ ޕާޓިން ބުނެފައި ވެއެވެ. އަދި އެ ހާލަތުގައި މައްސަލައިގައި ހިިމެނޭ ޕާޓީ ވުޖޫދުގައި އޮތުމުގެ އިހްތިމާލެއް ނެތް އިރު، ދަފްތަރުގައި ރަޖިސްޓްރީ ވެފަިއވާ ޕާޓީއަކަށް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް އެމްއާރްއެމުން ބުނެއެވެ.
މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ދައުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިން މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ނެރެދެވިދާނެ ކަމަށެވެ. އަދި ވަގުތީ އަމުރު ނެރެދިނުމަށް އެދިފައިވަނީ ޣައިރުހާޒިރުގައި ކަމަށާއި ވަގުތީ އަމުރު ނެރެދިނުމުގެ މުހިއްމު ކަމަށް ބަލާއިރު އަމުރު ނެރެދިނުމަށް އަޑުއެހުމެއް މިވަގުތު ބޭއްވުމަކީ މުހިއްމު ކަމެއް ކަމުގައި ނުދެކޭ ކަމަށް އެ ކޯޓުން ބުނެއެވެ. ނަމަވެސް އަޑުއެހުމަކާ ނުލައި އަމުރު ނެރެދިން ކަމުގައި ވިޔަސް އެ އަމުރު މުރާޖާ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
އެމްއާރްއެމް އުވާލުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީސީއަށް އަމުރުކޮށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އެ އަމުރު ނެރޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމްއާރްއެމުން ދައުވާ ހުށަހަޅަން ވާނެ ކަމަށެވެ. އެ މުއްދަތުގައި ދައުވާ ހުށަނާޅައިފި ނަމަ އެ އަމުރު ބާތިލް ވާނެ ކަމަށް ވެސް ސިވިލް ކޯޓުން ބުނެފައި ވެއެވެ.