ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި ފަރާތްތައް މަގާމުތަކުން ވަކިކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއްގެ ގޮތުގައި ނަޝީދު ސިފަކުރައްވައިފިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދިނީ މިދިޔަ ބުދަ ދުވަހުގައެވެ. އެ ޕާޓީ އުފެއްދުމަށް ހުއްދަދިން ދުވަހުން ފެށިގެން، ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ދަނީ ކުރަމުންނެވެ. މިހާތަނަށް ޑިމޮކްރެޓްސް އަށް ސޮއިކުރި މެންބަރުންގެ ތެރޭގައި ސަރުކާރުގެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ހިމެނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި، މަގާމުތަކުން ވަކިކުރަމުންދާ ބޭފުޅުން މަގާމުތަކަށް ވަޑައިގަތީ އެމްޑީޕީގެ ސްލޮޓެއްގައި ކަމަށްވުމުން، އެ ބޭފުޅުން ވަކިކޮށްފައި ވަނީ އެ ޕާޓީ ދޫކުރެއްވުމުން، ޕާޓީން ވަކިކޮށްދިނުމަށް އެދި އެމްޑީޕީން އެދުމުންނެވެ.

ނަމަވެސް އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އާ ގުޅުމުން ސަރުކާރުން ވަކިކުރި ބޭފުޅުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެއެވެ.

ޓްވިޓާގައި މިހާރު ދައުރުވަމުންދާ ޓްވީޓަކުން ފެންނަ ގޮތުގައި، ސަރުކާރުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު މުހައްމަދު އަންސާރާއި، އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމްދާންގެ އިތުރުން، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާނެވެ.

މި ތިން ބޭފުޅުން ސަރުކާރުން ވަކިކުރުމުން ކުރެއްވި ޓްވީޓެއްގައި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، މި ތިން ބޭފުޅުންނަކީ މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބައެއް ކަމަށެވެ. މި ތިން ބޭފުޅުން ވަކިކުރުމަކީ ދިވެހިންނަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

"[އެ މީހުންނަކީ] އެމްޑީޕީގެ މެނިފެސްޓޯ އެއް ތަންފީޒުކުރަން އެނގޭ ގާބިލް މީހުން،" އަލައިކާ އާއި ހަމްދާނާއި އަންސާރަށް ތައުރީފްކުރައްވައި ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ނަޝީދަށް ތާއީދުކުރައްވައި އެމަނިކުފާނުގެ ފެކްޝަން "ފިކުރެއްގެ ދިރުން"ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަކިކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 26 ގައެވެ. އޭގެ އިތުރުން ދާދިފަހުން "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް ވަނީ މިއަދު އެ މަގާމުން އިިސްތިއުފާ ދެއްވައިފައެވެ.