ކޭޕާކް ރެޒިޑެންސް ތަރައްގީ ކުރާ ހަމްބޯ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތް ހަދާފައި ވާ މައްސަލަ ފެންމަތިވެ، އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހަށް މައްސަލަ ހުށަހަޅާފައިވާ މި ދަނޑިވަޅުގައި އެ ކުންފުނީގެ ބޯޑުން ނިންމަން ޖެހޭ ކަންކަން ނިންމުމަށްޓަކައި އާ ހިއްސާދާރެއް އައްޔަން ކޮށް 3 މީހުންނަށް ބަދަލު ކޮށްފިއެވެ.

ކުރިން ހިއްސާދާރުންގެ ގޮތުގައި ތިބެމީ، 95 ޕަސެންޓް ޝެއާއާއެކު ޗައިނާގެ ރައްޔިތެއް ކަމަށް ވާ ޝިހޫ ޖިން އާއި 5 ޕަސެންޓް ޝެއާ އާއެކު ދިވެއްސެއް ކަމަށް ވާ ހުސައިން މަމްދޫހެވެ. މި ދެމީހުންގެ ދެމެދުގައި މައްސަލަތައް އުފެދިފައި ވާ އިރު، 2 މީހުން ތިބުމުން ކުންފުނީގެ ބޯޑުން ނިންމަން ޖެހޭ ކަންކަން ނުނިމި އޮތީ ހުއްޓިފައިކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އެހެން ކަމުން، 1 ޕަސެންޓްގެ ހިއްސާދާރެއްގެ ގޮތުގައި ޗައިނާގެ ރައްޔިތެއް ކަމަށް ވާ ވޫ ޒޭ ވަނީ މެއި 23، 2023 ގައި ކަނޑައަޅާފައެވެ. އަދި އޭނާ ބޯޑް ޑިރެކްޓަރަކަށް ހަދާފައި ވަނީ މެއި 2، 2023 ގައެވެ.

ޝެއާ ސްޓްރަކްޗާ އަށް ގެނެސްފައި އޮތް ބަދަލު އަދި ބޯޑު ޑިރެކްޓަރުން ފެންނަ ކޮމްޕެނީ ޕްރޮފައިލްގެ ސްކްރީންޝޮޓެއް

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން، އާ ޝެއާ ހޯލްޑަރު ކަނޑައެޅުމަށް މައިނޯރިޓީ ހިއްސާދާރު އެއްބާރުލުން ދީފައި ނުވުމުން، އެކަން ކޮށްފައި ވަނީ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ހުޅުމާލެގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ތަރައްގީ ކުރަމުން ދިޔަ ކޭ ޕާކް ރެޒިޑެންސް އަކީ އެންމެ އަވަހަށް ކޮންކްރީޓް ނިންމި އެއް އިމާރާތެވެ. ޖުމްލަ 110 އެޕާޓްމަންޓް ހުންނަ 14 ބުރީގެ އިމާރާތުގެ ކޮންކްރީޓް ނިންމާ، ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަމުން ތަން ވިއްކަމުން ދިޔައީ މަމްދޫހުގެ ބެލުމުގެ ދަށުންނެވެ. އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

އެ ލޯފާމުގެ ބެލުމުގެ ދަށުން، މިހާރު ކަންކަން ކުރިއަށް ގެންދާ އިރު، މަމްދޫހުގެ ފަރާތުން ލިބެން ޖެހޭ ލިޔެކިޔުންތައް ނުދީ އެއްބާރުލުން ނުލިބޭ ކަމަށް މީގެ ކުރިން އެ ލޯފާމުން ވަނީ "ދަ ޕްރެސް" އަށް ބުނެފައެވެ.