މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އިއްޔެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ޒަރީރަށް ހަމަލާދިން މައްސަލާއާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި 21 އަހަރުގެ މީހާކާއި 22 އަހަރުގެ މީހަކަށެވެ.

އެ މައްސަލާގައި އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ހޯދުމަށް ފުލުހުން އިއުލާނު ކޮށްފައި ވަނީ މި މަހުގެ 15 ގައެވެ. އޭނާ ހޯދަން އިއުލާނު ކުރިތާ އަށް ދުވަސް ފަހުން، އޭނާ އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެފައިވާއިރު މިހާރު އޭނާ ހުރީ 30 ދުވަހުގެ ބަންދެއްގައެވެ.

ހަބީބީ ކެފޭގައި ރައްޓެހިންތަކަކާ އެކީގައި އިންނަވަނިކޮށް، ފަސް މީހުންގެ ގްރޫޕަކުން އެ ކެެފޭ އަށް ވަދެ ޒަރީރަށް ހަމަލަދީފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުގައެވެ. ފުލުހުން އޭރު ބުނީ، ޒަރީރަށް ހަމަލަ ދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ބެލެވޭ އެއްޗަކުން ކަމަށެވެ. އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދަވާފައި ވެއެވެ.

ކުށުގެ ރެކޯޑު އޮންނަ އިބްރާހީމް އަބްދުﷲ ވަނީ މީގެ ކުރިން މީހަކު މަރާލުމުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައެވެ. އެކަމުގައި ބައިވެރިވިކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، ކޯޓުން އިބްރާހީމް އަބްދުﷲ އެ ފަހަރު ދޫކޮށްލީއެވެ.

ފުލުހުން އޭނާ ހޯދަމުން ދިޔައީ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.