ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އަތުލައިގަންފިއެވެ.

އެމްއެމްޑީއެފުން ބުނީ، "ސަތަސަރާނި 06" ބޯޓް އަތުލައިގަތީ ވ. އަތޮޅުގެ އިރުން 109 ނޯޓިކަލް މޭލު ބޭރުން ކަމަށާއި މިހާރު މާލެ އަށް މި ބޯޓު ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ޣާޒީން އަތުލައިގަތް މިބޯޓްގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަސް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ. އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.

ފިިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ރާއްޖޭގެ ކަނޑުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރު ގައުމުތަކުގެ އުޅަނދުފަހަރު ދެ މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާ ދެމެދު ޖޫރިމަނާކުރާ ގޮތަށް، މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވައިދެއް ވެސް ވަނީ ތަސްދީގު ކޮށްފައެވެ.

ބޭރުގެ މަސް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަދެ، ހުރަސްކުރެވޭނީ މިނިސްޓްރީގެ ހުއްދަ އާއި އެކުގައި ކަމަށާއި، ހުއްދަ އާއި ނުލާ އެތެރެވާ އުޅަނދުފަހަރު ޗެކްކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.