ޗާގޯސް މައްސަލާގައި މިއަދުގެ ސަރުކާރުން އަމަލުކޮށްފައިވަނީ ސަރުކާރުން އޭރު ހެދި ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު މ. ކުނޫޒުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

އެގޮތުން ގާސިމް ވިދާޅުވީ ކޯލިޝަން ހެދި ދުވަސްވަރު އެއްބަސްވުމުގައި 4 ޕާޓީއިން ސޮއިކުރީ މައިގަނޑު ކަންތަކަކާއެކު ކަމަށެވެ. އޭގެ ތެރޭގައި އިސްލާމް ދީނާއި ރާއްޖޭގެ ސިޔާދަތާއި ގައުމިއްޔަތާއި ގައުމީ ވަންތަކަންވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެއިން އެއްވެސް ކަމެއް ކުރަން ވާނީ ލީޑަރުންގެ މެދުގައި މަޝްވަރާކުރެވި އެ މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަންދޭ ގޮތުގެ މަތިން ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުގެ ހުދޫދުގެ ތެރެއިން ކަމަށާއި ގައުމުގެ މަސްލަހަތު ގެއްލިދާނެ އަމާންކަން ގެއްލިގެންދާނެ ނުރައްކާތެރި ހާލަތަކަށް ގައުމު މެދުވެރިވެގެންދާނެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ ސުލްހަވެރިކަމެއް ނުވަތަ އަމާންކަމެއް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ޗާގޯސް މައްސަލާގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް ރައީސް އިބްރާހިމް މުހައްމުދު ސޯލިހް، މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ކުއްލި ސިޓީއާ ގުޅިގެން ގާސިމް ވަނީ އެ ސިޓީ ފޮނުވަން ޖެހޭ ސަބަބެއް އޮތްތޯ ސުވާލު އުފައްދަވާ ސަބަބެއް އޮތް ކަމަށް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ޖޭޕީ ތަމްސީލް ކުރާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ އެ ޕާޓީގެ ކައުންސިލަށް ޗާގޯސް މައްސަލައާ ގުޅިގެން ގަރާރެއްވެސް ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ވިދާޅުވެފައިވަނީ ޗާގޮސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް، އިޓްލޮސްއިން މިދިޔަ މަހު 28 ގައި ނިންމި ނިންމުމުގެ ސަބަބުން ގާނޫނުގެ ދަށުން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރަހައްދުން 45،000 އަކަ ކިލޯ މީޓަރު ގެއްލިފައިވާ ކަމެވެ. އަދި އެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް ރައީސް އިބްރާހިމް މުހައްމުދު ސޯލިހް، މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ކުއްލި ސިޓީގެ މައްސަލަ ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބުވެއްޖެނަމަ ރާއްޖެ އާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ގާނޫނީ މާހިރުންގެ އެހީތެރިކަމުގައި އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށާއި ދިރާސާ ކުރުމަށް ފަހު އެ މައްސަލަ ޖޭޕީގެ ވެރިމެއްގައި އިސްތިއުނާފުކޮށް، ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި އަލުން ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ.

އެ ބައްދަލުމުގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ.