އަލިފާނުގެ ހާދިސާ އެއް ހިނގައި، ގދ. ތިނަދޫގެ ބަނދަރުގައި އޮތް ތެޔޮ ބޯޓަކުން ޓޭންކަށް ތެޔޮ އަޅަން އުޅުނު ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ "ދަ ޕްރެސް" އަށް ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ބޯޓަށް ތެޔޮ އަޅަން ގެންގުޅޭ ޕަމްޕުގައި ކަމަށާއި، އަލިފާން ރޯވީ ރަށުތެރޭ ބޭރުގައި ހުރި ޓޭންކުން ތެޔޮ ބޯޓަށް ލޯޑުކޮށް، ޕަމްޕު ގުޅުމުގެ ތެރޭގައި ކަމަށެވެ.

"ޕަމްޕުގެ ތެޔޮ ބުރައިގެން ދިޔައީމަ ބޯޓުގަ ކޮންމެވެސް ވަރަކަށް އަލިފާން ހިފާފަ ހުރީ، އެކަމަކު ވެސް މާ ބޮޑު ގެއްލުމެއް ނުވޭ،" ނަސްރުﷲ ވިދާޅުވިއެވެ.

ސިފައިންނާއި ޖެޓީގައި ތިބި އާންމުން ގުޅިގެން އަލިފާން ނިއްވާލާފައި / ފޮޓޯ: އެމްއެންޑީއެފް

އަލިފާން ރޯވިތާ ގާތްގަނޑަކަށް 10-15 މިނެޓު ތެރޭ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާއި އެވަގުތު ޖެޓީގައި ތިބި މީހުންގެ އެހީތެރިކަމާ އެކު އަލިފާން ނިއްވާލެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނަކަށާއި 30 އަހަރުގެ ފިރިހެނަކަށެވެ. މިހާރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދެ މީހުނަށް ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން އެކެއްގެ ދެ ފައި ޒަހަމްވެފައިވާއިރު، ދެވަނަ މީހާގެ މޫނާއި ދެ އަތާ ފައި ފިހިފައިވާ ކަމަށާއި، ދެ މީހުންނަށް ވެސް މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.