ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސިލްސިލާ "އަނުޕަމާ" ގައި އަނުޖް ކަޕާޑިއާގެ އެންމެ ގާތް އެކުވެރިޔާގެ ރޯލުން ފެނިގެންދާ ދީރަޖް (އަސްލު ނަމުން ނަމަ ނިތޭޝް ޕާންޑޭ) މަރުވެއްޖެއެވެ.

އެކްޓަރު ނިތޭޝް 51، މަރުވީ ކުއްލިގޮތަކަށް ހާޓްއެޓޭކެއް ޖެހިގެން އަންގާރަ ދުވަހުގެ ދަންވަރު 2 ޖެހިއިރެވެ. ނިތޭޝް އަށް ހާޓްއެޓޭކެއް ޖެހުނީ ޝޫޓިން އަށް ދިޔުމުގެ މަގުމަތީގައެވެ. ނިތޭޝްގެ ޅިޔަނު ސިދާތު ނާގަރް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދައްތަ އަރްޕިތާ ޕާންޑޭ އަށް އެ ހަބަރު ލިބުމާއެކު ޝޮކަކަށް ދިޔަ ކަމަށާއި ނިތޭޝްގެ ބައްޕަ، ނިތޭޝްގެ ހަށިގަނޑާ ހަވާލުވާނެ ކަމަށެވެ. އަދި ޅިޔަނު މަރުވިފަހުން އަރްޕިތާ އާއި ވާހަކަ ދައްކާލާނެ ވަގުތެއްވެސް ނުލިބޭ ކަމަށް ސިދާތު ބުންޏެވެ.

މީގެ ކުރިން އެއްވެސް ކަހަލަ ބަލިމަޑުކަމެއް ނެތް ނިތޭޝް ކުއްލިގޮތަކަށް މަރުވުމާއެކު ގިނަ ތަރިންނެއް އޭނާގެ އާއިލާ އަށް އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިގެންދާ އެކްޓަރުގެ ބައެއް ފިލްމުތަކުގެ ތެރޭގައި "އޯމް ޝާންތީ އޯމް"، "ދަބަންގް 2"، "ބާޒީީ" އަދި "ރަންގޫން" ހިމެނެއެވެ. އެކްޓަރު އެންމެ ފަހުން ފެނިގެން ދިޔަ ބޮލީވުޑް ފިލްމަކީ މިދިޔަ އަހަރުގެ "ބަދާއީ ދޯ" އެވެ.

ނިތޭޝް މަރުވިއިރު ދުނިޔޭގައި އޭނާގެ އަނތްބެއް އެބަހުއްޓެވެ.