66.96 މިލިއަން ރުފިޔާއަށް ފ. ބިލެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

450 ދުވަސް ތެރޭގައި ނިންމުމަށް އެ މަޝްރޫއު އެމްޓީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން 45،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއ، 2،900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 419 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 258 މީޓަރުގެ ސަރަހައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރު ތޮށްޓެއް ލުމާއި 224 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއްލުމަކީ ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 133 މީޓަރުދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 2977 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި 617 މީޓަރުގެ ކާބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރަން ވަނީ ނިންމާފައެވެ.

މިއަދު ނިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 61.75 މިލިއަން ރުފިޔާއަށް 510 ދުވަސް ތެރޭ ނިންމުމަށެވެ.