އެމްއާރްއެމް އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) ގެ ނިންމުމަކީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެންވާ ނިންމުމެއް ކަމަށާއި ޕާޓީގެ މެންބަރުން ކެތްތެރިކަމާއެކު ދެމި ތިއްބުމަށް އެމްއާރްއެމްގެ ރައީސް އަހްމަދު ރައީސް ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.

ފާރިސް މިފަދައިން ވިދާޅުވީ، އެ ޕާޓީއަށް 3000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އިވާލަން ނިންމައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށް އީސީން ބުނުމުންނެވެ.

ފާރިސް ވިދާޅުވީ، އީސީގެ ނިންމުމަކީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެންވާ ގާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. މިކަމުން އަންގައި ދެނީ، ގައުމުގައި ފަސާދަ އާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރާއި ގާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައި އެމްއާރްއެމްގެ ލޮބުވެތި މެންބަރުން ކެތްތެރިކަމާއެކު މި ޕާޓީއާއެކު ދެމިތިއްބެވުމަށް އިލްތިމާސްކުރަން. އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ގާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެން."
ފާރިސް މައުމޫން

ހައްގުގެ މަގުގައި އެޕާޓީން ސާބިވެ ތިބޭނެ ކަމަށާއި ގާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް ކުރި ހޯދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. ފަސާދައާއި، ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު އަމަލުތަކުން ސަލާމަތް ކުރުމަށް ޕާޓީގެ މެންބަރުންނާއި، އަދި ޕާޓީއަށް ހެޔޮ އެދޭ އެންމެހާ ފަރާތްތަކުން، ސާބިތުކަމާއެކު ދެމި ތިއްބުމަށް ފާރިސް ގޮވާލެއްވިއެވެ.

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން އެމްއާރްއެމުން 3100 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އޭގެ ފަހހުން އެ ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން 8 މެންބަރުންނާއި އެކު އިތުރު މެންބަރުން ޕާތީން ވަކިވެފައިވާ ކަމަށް އީސީން ބުނެއެވެ. އަދި އެމްއާރްއެމުން ހުށަހެޅި 140 ފޯމް ކަމަށާއި އެ ފޯމްތައް ްޕރޮސެސް ކުރި އިރު ވެސް ސައްހަވީ 66 ފޯމް ކަމަށް ވެފައި މިއަދު އެ ކޮމިޝަންގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން އެމްއާރްއެމް އުވާލަން ނިންމާފައިވާ ކަމަށް އީސީން ބުނެއެވެ. އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެމްއާރްއެމުން އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށް ވެސް އީސީން ބުނެފައި ވެއެވެ.