ކ. ކާށިދޫ ކައުންސިލަށް 2020 ވަނަ އަހަރު ލިބުނު އާމްދަނީ އެކައުންޓަށް ޖަމާނުކޮށް ތިޖޫރީގައި ބަހައްޓައިގެން ހަރަދު ކުރި މައްސަލަައެއް ފެންމަތިވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ކ. ކާށިދޫ ކައުންސިލް އިދާރާގެ 2020 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ފަސް މައްސަލައެއް ފާހަގަ ކޮށްފައެވެ. އެގޮތުން އެ ކައުންސިލްގެ އިދާރާ ލިބޭ އާމްދަނީ ގަވާއިދުން ބޭންކަށް ޖަމާކުރަން ގޮސްފައި ނުވާކަން އެ ރިޕޯތްގައި ފާހަގަކޮށް އެ އަހަރުތެރޭ ޖުމްލަ 564،014 ރުފިޔާ ބެންކަށް ޖަމާ ނުކޮށް ތިޖޫރީގައި ބަހައްތާފައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އަދި އެ ފައިސާ ތިޖޫރީގެ ބާކީ ފައިސާ ކަމަށް ތިޖޫރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.
މީގެ އިތުރުން އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ތިޖޫރީއަށް ލުމަށް ފަހު އެފައިސާ އިން ހަރަދު ކޮށްފައި ވާކަން ފާހަގަ ކުރަމުން އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، އެ އަހަރުތެރޭ ޖުމްލަ 184,411 ރުފިޔާ އެގޮތަށް ހަރަދުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފާހަގަކޮށް އޮޑިޓް އޮފީހުން އިސްލާހު ކުރަން ލަފާ ދީފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެ ނަމަ އެ ފައިސާއެއް ލިބޭ ދުވަހު ޖަމާކުރަން ޖެހޭ އެކައުންޓަކަށް ޖަމާކުރަން ވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ފައިސާ ޖަމާކުރަން ދަތިވާނަމަ ބޭންކަށް ފައިސާ ޖަމާކުރެވޭނެ ޝެޑިއުލްއެއް ކަނޑައަޅައި އެ ޝެޑިއުލް އާ އެއްގޮތަށް ބޭންކަށް ފައިސާ ޖަމާކުރަމުން ގެންދިއުމަށެވެ.
ހަމައެއާއެކު އެ ކައުންސިލުން ވަނީ އެ ކައުންސިލަށް ލިބެންޖެހޭ ފައިސާއެއް ގަވާއިދާ ހިލާފަށް މައާފްކޮށްދީފައި ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. އެގޮތުން އެ ކައުންސިލްގެ އިދާރާއިން އަކުއަކަލްޗާ މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް ކުންފުންޏަކަށް ކާށިދޫއިން ދޫކޮށްފައިވާ ބިމުން ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ޖޫރިމަނާގެ ގޮތުގައިވާ ލިބެން ޖެހޭ ފައިސާ މައާފުކޮށްފައި ވާއިރު، ކުލި ލިބިފައި ނުވާ މުއްދަތު ކަމަށްވާ ޖުލައި 2020 އިން އޮގަސްޓް 2021 އަށް ޖޫރިމަނާގެ ގޮތުގައި 480,468 ރުފިޔާ ހިމެނެއެވެ.
ނަމަވެސް ކައުންސިލުން ކުލީގެ ފައިސާ ބަލައިގެންފައި ވަނީ ޖޫރިމަނާ ފައިސާ ނުހިމަނައެވެ. އަދި ކައުންސިލުން ބުނާ ގޮތުގައި ޖުރިމަނާ ފައިސާ ނުނަގާ އޮތީ އެ ފައިސާ މައާފްކޮށްފައި އޮތުމުން ކަމަށެވެ. ނަމަވެސް ޖޫރިމަނާ މައާފު ކޮށްދީފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ އުސޫލުގެ މަތިން ނޫން ކަމަށް އޮޑިޓް އޮފީހުން ބުނެފައި ވެއެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކަށް ބާލާ އިރު، ބޭންކް އެކައުންޓް ރިކޮންސިލިއޭޝަން ތައްޔާރު ކޮށްފައި ނުވުމާއި، ލިބެންޖެހޭ ފައިސާ ހޯދަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވުމާއި، ރަށު ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހަޅާފައި ނުވުން ހިމެނެއެވެ.