ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ތިން ހަމަލައެއް ދޭން އުޅުނު ކަން ސަރުކާރަށް ކުރިން ސާފުކޮށް އެނގިފައިވާ ކަމުގެ ވާހަކަ އާ ކުރައްވައި އެމަނިކުފާނު ދެއްކެވީ މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ ވާހަކަތަކެކެވެ.

ނަޝީދު މި ވާހަކަތައް އާކުރެއްވީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައި ވާ، ރައީސް ނަޝީދުގެ ވެރިކަމުގައި ދަނޑުވެރިންނަށް ދޫކުރި ސަބްސިޑީ އިއާދަކޮށް އަލުން އެ ސަބްސިޑީ ދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރުގެ ބަހުސްގެ ތެރެއިންނެވެ.

އެ ގަރާރަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މޭ 6، 2021 ވަނަ ދުވަހުގެރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަ ވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލައިގައި ހިންގި އިންކުއަރީއެއްގައި ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ކެނެރީގޭގެ އިތުރުން މާލޭގެ އިތުރު ދެ ތަނެއްގައި ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން އުޅުނުކަމުގެ މައުލޫމާތު ވެސް ސަރުކާރަށް އެނގޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެ ދެ ތަނަކީ:

  • ނަޝީދުގެ ކުރީގެ އަނބިކަނބަލުން ލައިލާ އަލީގެ ޔާގޫތުގެ ކައިރި
  • މާލޭގައި ހުންނަ މެރީ ބްރައުން ރެސްޓޯރަންޓް ކައިރި

"މި ކަންކަމަކާ [ސަރުކާރުން] އަޅައެއް ނުލި، ހުދު އިއްޒަތްތެރި ރައީސް، އިއްޒަތްތެރި ރައީސް ތިމަންނާ ފަހާ އެބަ އާދެއޭ ފުލުހުން އެކަން ބަލާދޭށޭ، ފާރަލައޭ އެބަ ތިމަންނަ އަށް، އެއީ ރައީސް ނަޝީދު ދައްކަވާ ވާހަކަ އެއް، [ނަމަވެސް] އާހިރު ނަތީޖާއަކަށް ވީ ބޮމެއް ގޮއްވާލުން،" ހަސަން ވިދާޅުވިއެވެ.

ހަސަންގެ ވާހަކަ އަށް ފަހު، ގަރާރަށް ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ނަޝީދަށް އަމާޒުކޮށް ބޮމުގެ އިތުރު ހަމަލަތަކެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ކުރިން ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އިބްރާހީމް ރަޝީދު އެހެން ވިދާޅުވުމުން، ނަޝީދު ވަނީ އެ މައުލޫމާތު ޔަގީން ކޮށްދެއްވާފައެވެ.

"މޭރީ ބްރައުން ރެސްޓޯރަންޓް ކައިރީގައި ބޮމެއް ބާއްވައި އަޅުގަނޑު މަރާލަން އުޅުނުކަމާއި އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބާއްވާ އަޅުގަނޑު މަރާލަން އުޅުނު ކަމުގެ މައުލޫމާތު، އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބާއްވާ އެކަން ކުރަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން މިތަނުގައި ހުރި ތަހްގީގު ތަކުންނާއި އަދި އިތުރު ތަހްގީގުތަކުން ވާނީ ރަނގަޅަށް އެނގިފައި" ނަޝީދު ވިދާޅުވިއެވެ.

މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް، އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް އެކަކުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. ކުށް ސާބިތުވި އަދުހަމް އަހްމަދު ރަޝީދު، ހިޔާ / ވ. ތިނަދު އަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދުހަމް ވަނީ ނަޝީދު އަވަހާރަ ކޮށްލަން އުޅުނު ކަމަށް އިއުތިރާފް ވެފައެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅިގެން ދައުވާ އުފުލާފައި ވެއެވެ.

މޭ 6 ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތިން މަސް ދުވަސް ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ހަމަލަދިނުމުގެ މަސައްކަތް ފަށާފައި ވަނީ 2019 ގައި ކަމަށާއި، އަމަލީ މަސައްކަތް ފަށާފައި ވަނީ 2020 ގައި ކަމަށެވެ

ހަމީދު އިތުރަށް ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ހަމަލަދިނުމަށް ފުރަތަމަ ރާވާފައި ވަނީ، ޔާގޫތުގޭ ކައިރީގައި ސައިކަލެއް ބަހައްޓައިގެން ޖާނުން ފިދާވެގެން ހަމަލާ ދިނުމަށް ކަމަށް ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ.

އޭގެ ފަހުން ނަޝީދު ކަސްރަތުކުރައްވަން ނިކުމެވަޑައިގަންނަވާ ގަޑި ބަލައި، މެރީބްރައުން ރެސްޓޯރަންޓް ސަރަހައްދުގައި ސައިކަލު ބަހައްޓައިގެން ނަޝީދަށް ހަމަލަދޭން އެމީހުން މަސައްކަތް ކުރި ނަމަވެސް، އެތަން ބެލުމަށް ފަހު، ހަމަލައެއް ދިނުމަށް އެތަން އެކަށީގެން ނުވާކަމަށް އެމީހުން ނިންމާ ތިންވަނަ ފަހަރަށް ހަމަލާ ރޭވީ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވެފައި ވެއެވެ.