ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، އެ އަތޮޅު މާފަރު އަދި މިލަދޫގައި ގާއިމް ކުރި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިއަދު ދޭން ފެށި މި ހިދުމަތާއެކު މިވަގުތު އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފަިއވާ އެ އަތޮޅުގެ ރަށްރަށުގެ ތެރޭގައި މާރާއި، މިލަދޫގެ އިތުރުން ކެނދިކުޅުދޫ ހިމެނޭ އިރު، މަނަދޫ އާއި ވެލިދޫ އަދި ހޮޅުދޫގައި ދަނީ ބްރާންޗްެ މެދުވެރިކޮށް ހިދުމަތް ފޯރުކޮށް ދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުންދާ އިންވެސްޓަމަންޓް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށެވެ. ބީއެމްއެލްގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު އެ ރަށްތަކުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އިގްތިސޯދަށް އެހީތެރިވެވޭ ކަމީ ލިބޭ އުފަލެއް ކަމަސް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މިހާރު އެބަ ތިއްބެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ބީއެމްއެލުން ބުނެއެވެ.