އިދިކޮޅުން ހުށަހެޅި އިތުބާރު ނެތް މައްސަލައިގައި ޖަވާބުދާރީ ވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު 13 މެންބަރުންގެ ސޮޔާ އެކު ޝާޙިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އަށް ލިބިފައިވާ ކަމަށާއި، އެ މައްސަލައަށް ބަހުސްކުރަން ފެށުމުގެ ކުރިން ޝާހިދަށް ފޮނުވަން ޖެހޭ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހަޅުއްވައި އިދިކޮޅު މެންބަރުން ވިދާޅުވި ގޮތުގައި، ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ޝާހިދު ގައުމުގެ ދިފާއުގައި އެއްވެސް މަސައްކަތެއް ކުރައްވައިފައެއް ނުވެއެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅައި، ބަހުސްކުރުމުގެ 14 ދުވަސް ކުރިން ވަޒީރަށް އެކަން އަންގަން ވާނެއެވެ. އަދި އެ ބަހުސްގައި ވަޒީރަށް އަނގަ ބަހުންނާއި ލިޔެކިއުމުން ދިފާއު ހުށަހެޅުމުގެ ފުރުސަތު އޭނާ އަށް ލިބިގެންވާ ކަމަށް ވެސް އެ މާއްދާގައި ވެއެވެ.
އެ މައްސަލަ އެޖެންޑާ ކުރާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ސޮޔާ އެކުގައެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައިވާ ގޮތުން، ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ކަމަށެވެ. އެހެންކަމުން 43 މެންބަރުންގެ ވޯޓު ހަމަވެއްޖެ ނަމަ، ރިފްއަތު ބަންޑާރަނައިބުގެ މަގާމުން ވަކިވާނެއެވެ.