ސިޔާސީ މުވައްޒަފުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ހަމަޖައްސާ ސިޔާސީ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލު އާންމުކޮށްފިއެވެ.

ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސް އައްޔަންކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލަށް ގެނައި 11 ވަނަ އިސްލާހުގައި ވަނީ ހައްޖު ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް މުވައްޒަފު ހައްޖަށް ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 35 ދުވަސް ނެގޭނެ ކަމަށެވެ. އަދި އުމްރާގެ އަޅުކަމަށް 15 ދުވަހުގެ ޗުއްޓީ އެއް ނެގޭނެ ކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ޗުއްޓީ ނެގޭނީ މުވައްޒަފުން ހައްޖަށް ނުވަތަ އުމްރާއަށް ދާ ފުރަތަމަ ފަހަރުއެވެ.

މި އުސޫލަށް އިސްލާހު ގެނައުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ސިޔާސީ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ހައްޖާއި އުމްރާގެ ޗުއްޓީއެއް ލިބޭ ގޮތަށް ހަމަޖެހިފައެއް ނޯވެއެވެ.

ސިވިލް ސާވަންޓުންނަށް ވެސް ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން އަދާކުރާނަމަ މުސާރަ ލިބޭ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު އުމްރާގެ އަޅުކަމަށް ވަކި ހާއްސަ ޗުއްޓީއެއް ދޭ ގޮތަށް ހަމަޖައްސާފައެއް ނޯވެއެވެ.