ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދު ކޯތާށް ހުށަހެޅި ހެކިތަކުެ ތެރެއިން ދެ ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ، މެއި 6، 2021 ގައި ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލި މައްސަލާގައި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށް ކުރާ ޝަރީއަތުގެ މިއަދުގެ އަޑު އެހުމުގައި ތަހުމީނު ހުށަހެޅި ހެކިތަކާ މެދު ގޮތެއް ނިންމަމުންވެ.

މި މީހުންގެ ތެރެއިން ގޮއްވާލި ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ ކުރިން އެ މައްސަލަ ބަލަމުންދިޔަ ބެންޗު އުވާލައި މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ ސޮފްވަތު ހަބީބެވެ. ތަހުމީނުގެ ވަކީލުން ވެސް މިހާރު ބަދަލުވެފައި ވާއިރު އޭނާގެ ވަކީލުން ކޯޓުގައި ބުނީ، ހެކި ހުށަނޭޅުނީ ކުރީގެ ވަކީލެއްގެ އިހުމާލުން ކަމަށާއި އެއާ އެކު ގާޒީ ވަނީ އެ މައްސަލައިން ދިފާއުވުމުގެ ފުރުސަތު އޭނާއަށްވެސް ލިބެންޖެހޭ ކަމަށް ބުނެ އިތުރު ފުރުސަތެއް ދީފައެވެ. އެގޮތުން މީެ ކުރިން ބޭއްވި އަޑުއެހުމުގައި ތަހުމީންގެ ފަރާތުން ހެކި ހުށަހަޅާފައި ވެއެވެ.

އެއީ 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ތަހުމީން ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނިމެންދެން މިސްކިތުގައި ކަމަށާއި އޭނާ އަކީ ސައިކަލެއް ގަތުމުގެ ގާބިލުކަން ނެތް މީހެއްކަން ސާބިތުކުރުމަށް ޖުމްލަ 6 ހެކި ވަނީ ހުށަހަޅާފައެވެ.

ތަހުމީނުގެ ފަރާތުން ހުށަހެޅި ހަ ދިފާއީ ހެކިންގެ ތެރެއިން ދެ ދިފާއީ ހެއްކެއް ބަލައި ނުގަތުމަށް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން ހުށަހެޅިއެވެ. އެ ދެ ހެކިންނަކީ، ދައުވާގައި ހިމެނޭ ތަނުގައި ނެތް ކަމުގެ ދިފާއު ބިނާ ކުރުމަށް ހުށަހަޅާފައިވާ ދެ ހެއްކެކެވެ.

މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ނިންމެވީ ހެކި ހުށަހެޅުމަށް އަލުން ފުރުސަތު ދޭތީ، ދައުލަތަށް ވެސް އެއާ ގުޅިގެން އެފަދަ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށެވެ. އަދި ތަހުގީގު މަރުހަލާގައި ތަހުމީނު ހަނު ހުރެފައި ވާތީ، ދައުވާގައި ހިމެނޭ ތަނުގައި ނެތް ކަމުގެ ދިފާއު ނުނެގޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.