ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ މައްސަލައެއްގައި ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސާއި އިމިގްރޭޝަން ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި މާލޭގެ ހަތަރު ތަނެއް ރޭ ބަލައި ފާސްކޮށްފައި ވާއިރު އެ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ އެ މީހުން ނިސްބަތްވާ ގައުމުތައް ހާމަކޮށްފައެވެ.

ފުލުހުން ބުނީ އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 8 ފިރިހެނަކާއި އެ ގައުމުގެ އަންހެނަކާއި ތައިލޭންޑުގެ 4 އަންހެނަކު ކަމަށެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

މިއީ ރާވައިގެން ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނީ، މި މައްސަލަ ބަލައި އިތުރަށް ބަލައި ތަހްގީގު ކުރަމުން ދާ ކަމަށެވެ.

މީގެ ކުރިން ވެސް ހަށި ވިއްކުމުގެ އެކި މައްސަލަތަކުގައި މީހުން ހައްޔަރު ކޮށްފައި ވެއެވެ. ހަށި ވިއްކާ މީހުން އިތުރުވެ، އެ މައްސަލައާ މެދު އެދެވޭ ފިޔަވަޅެއް ނޭޅޭތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނަށް އާންމުންގެ ފާޑުކިއުން އަމާޒު ވެއެވެ.