ސިޔާސީ ޕާޓީތައް ބައިބައިވާން ދިމާވާ މައްސަލަ ފެށެނީ ޕާޓީ ތެރެއިން ގިނަ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް ކުރުމުން ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެެވެ.

ރާއްޖެގައި އުފެދުނު އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަނުޖެހުންތައް އުފެދި ޕާޓީ ދެ ބައިވެގެން ގޮސްފައި ވާއިރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީވެސް ވަނީ ދެ ފެކްޝަނަކަށް ބެހި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުން އަލުން އާ ޕާޓީއެއް އުފެއްދުމާ ދިމާލަށް ދަތުރު ފަށާފައެވެ. މިކަންކަމަށް އަލި އަޅިވާލަމުން މައުރޫފް ވިދާޅުވީ ސިޔާސީ ގޮތުން ޕާޓީތަކަށް އަންނަ ބަދަލުތައް ކޮންމެ މީހަކު ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖެގައި އުފެދުނު ސިޔާސީ ޕާޓީތައް ބައިބައިވެގެން ދިޔަ ގޮތައް އަލިއަޅުވާލަމުން މައުރޫފް ވިދާޅުވީ ރައީސް މައުމޫން ޑީއާރްޕީ އުފައްދައިގެން އުޅުއްވި އިރު އެ ޕާޓީ ބައިބައިވެގެން ދިޔަކަމަށެވެ. ހަމަ އެ ގޮތަށް ރައީސް މައުމޫނު ޕީޕީއެމް އުފައްދައިގެން އުޅުއްވި އިރު ޕީޕީއެމްވެސް ބައިބައިވެގެން ދިޔަކަމަށް މައުރޫފު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީ ބައިބައިވެގެން ހިނގައިދާނެކަމަށް އުއްމީދު ނުކުރައްވާ ކަމަށް މައުރޫފު ވިދާޅުވިއެވެ. "އެކަމަކު މިއީ ސިޔާސީ ހަގީގަތް. މިއީ ސިޔާސީ ތަބީއަތް" އަލީ މައުރޫފް އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފު ވިދާޅުވީ ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެ މީހެއްގެ ކުރިއެރުމަށްޓަކައި ކަމަށާ އެއީ ފަހަރުގައި ރާއްޖޭގެ ރައީސްކަމުގެ މަގާމު ބޭނުންވެގެން، ނުވަތަ މަޖިލިސް މެމްބަރަކަން ހޯދުން، ނުވަަތަ މިނިސްޓަރުކަން ހޯދުމަށް ކަމަށް ވެދާނެ ކަަމަށްވެސް މައުރޫފު ވިދާޅުވިއެވެ.

މިހާރު އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް ކުރިއަށް ދާ ގޮތާ މެދު ފާޑު ވިދާޅުވަމުން މައުރޫފް ވިދާޅުވީ ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށެވެ. އަދި އެ ގޮތުގައި ކުރިއަށްދާނަމަ އެ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު އެބައޮތްކަމަށް މައުރޫފު ވިދާޅުވިއެވެ. ޕީޕީއެމް އެނބުރެމުން ދަނީ ރައީސް އަބްދުﷲ ޔާމީން ގެ ވަށައިގެންކަން ފާހަގަކޮށް މައުރޫފު ވިދާޅުވީ އެެހެން އެއްވެސް މީހަކަށް އެ ޕާޓީން ކުރިއަށް ދިއުމުގެ ފުރުސަތު ނުފެންނަ ކަމަށެވެ. އެހެންނަމަވެސް އެއީ އެ ކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް މައުރޫފު ވިދާޅުވިއެވެ.

މައުރޫފް ތަމްސީލު ކުރައްވާ، އެމްޑީއޭ އަކީވެސް ޕީޕީއެމްގެ ތެރެއިން ވަކިވި ގޮތްޕެކެވެ. އެ ޕާޓީގެ ލީޑަރު ސަން އަހުމަދު ސިޔާމް މުހައްމަދަކީ ކުރިން ޕީޕީއެމްގެ މެންބަރެކެވެ.