ހައިފާ ސިޓީއަކީ ގަދަ ނޫކުލައިގެ މެޑިޓެރޭނިއަން ކަނޑުގައި ވާ ކާމެލް ފަރުބަދަތަކުގެ ފެހި ކުލައިގެ އުސްފަސްގަނޑު ތަކުގައި ވޯޓަރފޯލްއެއް ފަދައިން ފެންނަން އޮންނަ ސިޓީއެކެވެ.

އިޒްރޭލުގެ އޮފިޝަލުންގެ އިތުރުން ހުޅަނގު އަދި އިޒަރޭލުގެ މީޑިއާތަކުން ވެސް ހައިފާ ސިފަކުރަނީ އިޒްރޭލު ދެމިއޮތްކަން ރަމްޒުކޮށްދޭ ނަމޫނާ ރަށެއްގެ ގޮތުގައެވެ.

ނަމަވެސް 1948 ގެ ވެސް ކުރީގެ ތާރީހެއް އޮތް، ވެލިގަލުން ހަދާފައި ހުންނަ ހައިފާގެ ގެތަކުން ކިޔައިދެނީ އެހެން ވާހަކައެކެވެ.

ޒަޔަނިސްޓް ލަޝްކަރުގެ ބާރުގެ ދަށަށް ހައިފާ އައީ މެއި 1948 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއީ މެއި މަހުގެ 14 ވަނަ ދުވަހު އިޒްރޭލުން މިނިވަންކަން އިއުލާނު ކުރުމުގެ ތިން ހަފުތާ ކުރިން، އަދި މެއި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ފަލަސްތީނުގައި އިނގިރޭސީންގެ މެންޑޭޓް ނިމުމުގެ ގަޑިއިރުތަކެއް ކުރިންނެވެ.

އޭރު ޒަޔަނިސްޓް ސިފައިން ވަނީ ހައިފާގެ 95 ޕަސެންޓަށް ވުރެ ގިނަ މީހުން ބޭރުކޮށްފައެވެ. އެ ސިޓީގައި ތިބި ފަލަސްތީނުގެ 75000 މީހުންގެ ތެރެއިން ބާކީ ތިބީ އެންމެ 3000 އާއި 4000 އާ ދެމެދުގެ އަދަދެކެވެ. ބާކީ ތިބި މީހުން އަވަށްޓެރި ލުބްނާނާއި ސީރިއާގައި ރެފިއުޖީންނަށް ވެފައި ވާއިރު، އަދި އަދަށް ދާންދެންވެސް ހައިފާއަށް އެނބުރި އައުން އެމީހުންނަށް ވަނީ މަނާކޮށްފައެވެ.

ނަކްބާގައި އޭގެ ފަހުން އައި އަހަރުތަކުގައި ޒަޔަނިސްޓް އިޒްރޭލު ސިފައިން ވަނީ ހައިފާގައި ހުރި ފަލަސްތީނުގެ ގިނަ އަވަށްތަކާއި އިމާރާތްތައް ފުނޑުފުނޑު ކޮށްލާފައެވެ.

ހައިފާގެ ތާރީހީ މަރުކަޒުގެ ގާތްގަނޑަކަށް ހުރިހާ ތަނެއް ވަނީ ހަލާކު ވެފައެވެ. މިއަދު އެއީ އިޒްރޭލު ސަރުކާރު އަދި ވިޔަފާރީގެ އިމާރާތް ތަކުގެ ޒަމާނީ ސަރަަހައްދަކާއި ބޮޑު ޕާކިން ލޮޓެކެވެ. 18 ވަނަ ގަރުނުގެ މެދުތެރޭގައި އިމާރާތްކޮށް، 1949 ވަނަ އަހަރު ތަޅާލި ސެރާޔާ ސިޓީ ހޯލް ހުރިތަނުގައި 1999 ވަނަ އަހަރު ސަރުކާރުގެ އޮފީސްތައް ހުންނަ 29 ބުރީގެ އިމާރާތެއް ވަނީ އަޅާފައެވެ.

ހައިފާގެ އާބަން ޕްލޭނަރު އަދި ތަންތަން ތަޅާލުން ހުއްޓުވުމަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ އޯރްވާ ސްވެއިތާތު ބުނީ އެ ބޮޑު ޖަރީމާގެ އެއްވެސް ނިޝާނެއް މިހާރު ފެންނަން ނެތް ކަމަށެވެ.

ވާދީ ސާލިބުގައި ހުރި ފަލަސްތީނުގެ މި ގެތައް ވަނީ އަމިއްލަ އަދި ޕަބްލިކް ރިއަލް އެސްޓޭޓް ކުންފުނިތަކަށް ވިއްކާލާފައި

20 މިލިއަން ޑޮލަރަށް 11 އިމާރާތެއް

ހައިފާގެ ތާރީހީ އިލްމުވެރިޔާ ޖޮނީ މަންސޫރު ބުނިގޮތުގައި ހައިފާގެ އަސްލު ގެތަކުގެ ތެރެއިން ބާކީ ހުރީ މިހާރު ހުރީ އެންމެ 20 ޕަސެންޓެވެ.

ނަކްބާއިން ސަލާމަތްވި ފަލަސްތީނުގެ އިމާރާތްތަކުގެ މިލްކުވެރިކަން ދައުލަތަށް ބަދަލުކުރީ އިޒްރޭލުގެ ކަނު މީހުންގެ މުދަލުގެ ގާނޫނުގެ ދަށުންނެވެ.

އެއީ ހައިފާއަށް ތަފާތު ކަމެއް ނޫނެވެ. "ހައިފާ، ޖަފާ އަދި އައްކާ ފަދަ ތާރީހީ ސިޓީތަކުގައި 1948 ވަނަ އަހަރަށް ފަހު 70000 އެއްހާ ތާރީހީ އިމާރާތްތައް ހިފަހައްޓާފައިވޭ" ސްވިތާޓް ބުންޏެވެ.

އަދި 1948 ވަނަ އަހަރު ނެގި އިމާރާތްތަކުގެ ތެރެއިން މިއަދު ބާކީ ހުރީ އެންމެ 4800 އިމާރާތް ކަމަށް އޭނާ ބުންޏެވެ.

"މި ހުރިހާ ކަމެއް ވެސް އޮތީ ދައުލަތުގެ އަތްމަތީގައި. ބާކީ ހުރި ތަންތަން ތަޅާލީ ނުވަތަ އަމިއްލަ ރިއަލް އެސްޓޭޓް ކުންފުނިތަކަށް ވިއްކާލީ" އޭނާ ތަފްސީލުކޮށް ކިޔައިދިނެވެ. "ޖަފާގައި ބާކީ ހުރީ އެންމެ 1200 އެއްހާ އިމާރާތް، ހައިފާގައި 600، އައްކާގައި 600 އަދި ނަޒަރެތުގައި 350 އެއްހާ އިމާރާތް."

ހައިފާގައި ހުންނަ ފަލަސްތީނުގެ ބައެއް އިމާރާތްތަކުގައި އިޒްރޭލު މީހުން މިހާރު ދިރިއުޅެމުން ދާއިރު އަނެއްބައި އިމާރާތްތައް ވަނީ އިޒްރޭލުގެ އާޓް ގެލެރީތަކާއި ހިޕްސްޓާ ބާތަކަށް ބަދަލު ކޮށްފައެވެ.

2000 ވަނަ އަހަރުން ފެށިގެން އިޒްރޭލު ސަރުކާރުން ފަލަސްތީނުގެ ބާކީ ހުރި އިމާރާތްތައް ޕަބްލިކް އަދި ޕްރައިވެޓް ރިއަލް އެސްޓޭޓް ކުންފުނިތަކަށް ވިއްކަމުން އަންނައިރު، އެ އިމާރާތްތައް ތަޅާލައި އެތަންތަނުގެ ބަދަލުގައި ޒަމާނީ ރެސިޑެންޝަލް ނުވަތަ ކޮމާޝަލް ޕްރޮޖެކްޓްތައް އެޅުމަށް ނުވަތަ އެ ތަންތަން މަރާމާތުކޮށް އިޒްރޭލުގެ މާކެޓަށް އަމާޒުވާ ލަގްޒަރީ ރިއަލް އެސްޓޭޓްގެ ގޮތުގައި ވިއްކާނެއެވެ.

"އިޒްރޭލުގެ ބާޒާރުގެ ފައިދާއަށްޓަކައި ނަބްކާގެ ހަލާކުތައް އިގްތިސާދީ ގަހަނާތަކަށް ބަދަލުކުރަނީ". ޖެންޓްރިފިކޭޝަންގެ މަރުހަލާގެ މަގުސަދަކީ މެދު ފަންތީގެ އަދި މަތީ ފަންތީގެ ޔަހޫދީން ޝައުގުވެރި ކުރުވައި ފަލަސްތީނުގެ އަރަބީން ބޭރުކުރުން ކަމަށް ސްވެއިޓަޓް ބުންޏެވެ.

ފަލަސްތީނުގެ ރެފިއުޖީންގެ މުދަލާއި ބިންތައް އަތުލުމަށް އިޒްރޭލުގެ ގާނޫނުތަކާއި ސިޓީ ޕްލޭނިން ގުޅިގެން މަސައްކަތް ކުރިކަމަށާއި، ހައިފާގެ އަރަބި-ފަލަސްތީނު އައިޑެންޓިޓީ އާއި ސިފަތައް ފޮހެލައި، ހަލާކުކޮށް، ޕްރައިވެޓައިޒް ކުރުމަށް އިޒްރޭލުން މަސައްކަތް ކުރިކަމަށް ސްވެއިޓަޓް ބުންޏެވެ.

ވާދީ ސާލިބުގައި ހުންނަ ފަލަސްތީނުގެ ގެތަކުން މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދު ފެނޭ

ފަލަސްތީނުގެ އަވަށެއް ކަމުގައިވާ ވާދީ ސާލިބުގައި އިޒްރޭލުން ވަނީ ފަލަސްތީނު ރައްޔިތުންގެ ގެތަށް އަތުލާ، ހެކިތައް ނައްތާލާފައެވެ.

އަވަށުގެ ބޮޑު ބައެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަކޮށްފައެވެ. 1949 ވަނަ އަހަރު އިޒްރޭލުން ވަނީ އުތުރު އެފްރިކާގެ ގައުމުތަކުގެ ޔަހޫދީން ފަލަސްތީނުގެ ބާކީ ހުރި ގެތަކާއި އިމާރާތްތަކުގައި ވަޒަންވެރި ކޮށްފައެވެ. ދިރިއުޅުމުގެ ދަތި ހާލަތާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މުޒާހަރާތައް ފެށުމުގެ ކުރިން 10 އަހަރު ވަންދެން އެމީހުން އެތަނުގައި ދިރިއުޅެމުން ދިޔައެވެ.

އޭގެ ފަހުން ފަލަސްތީނުގެ ގިނަ އިމާރާތްތައް ވަނީ ކޮންކްރީޓް ބްލޮކްތަކުން އަދި ދަގަނޑު ޝީޓްތަކުން ބަންދުކޮށްފައެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ވާދީ ސާލިބުގެ ހުރިހާ އިމާރާތެއް އިޒްރޭލު ސަރުކާރުން ވަނީ އަމިއްލަ އަދި ޕަބްލިކް ރިއަލް އެސްޓޭޓް ކުންފުނިތަކަށް ވިއްކާލައިފައެވެ.

"އެމީހުން ބިޑްތައް ހިންގަނީ ހަމައެކަނި ބޮޑެތި ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް. ފަލަސްތީނުގެ ރައްޔިތުން އެ ބިޑުތަކުގައި ބައިވެރިވާނެ މާލީ ތަނަވަސްކަމެއް ނެތް. ސްވިތާޓް ބުންޏެވެ. "މީގެ ދިހަ އަހަރު ކުރިން 11 އިމާރާތް ވިއްކާލީ އެއް މިލިއަން ޑޮލަރަށް. މިއަދު އެމީހުން ބޭނުންވަނީ 20 މިލިއަން ޑޮލަރަށް 11 އިމާރާތް ވިއްކާލަން."

ވާދީ ސާލިބުގައި ހުންނަ ފަލަސްތީނުގެ ގެއެއްގައި ޒަމާނީ ރެސިޑެންޝަލް ޕްރޮޖެކްޓެއްގެ އިޝްތިހާރެއް ތަތްކޮށްފައި

މިިހިސާބަށް ކަންތައް ދިޔައީ ކިހިނެތް؟

އަބޭދު އަބްދީއަކީ 1948 ވަނަ އަހަރު އޭނާގެ މަންމަ އާއި އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު މީހުންނާއެކު ވާދީ ސާލިބާއި މުޅި ފަލަސްތީނުން ބޭރުކުރި އުމުރުން 81 އަހަރުގެ ފަލަސްތީނު ފިރިހެނެކެވެ.

އޭނާގެ ބައްޕަ ހައިފާގައި އުޅުމަށްފަހު ލުބުނާނާއި ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި ތިން އަހަރު ވަނީ ހޭދަކޮށްފައެވެ. އަބްދީ އާއި އޭނާގެ މަންމަ އާއި އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުން ހިމެނިގެން ދިޔައީ، އެމީހުންގެ ސިޓީއަށް އެނބުރި ދިއުމުގެ ހުއްދަ ދިން ފަލަސްތީނުގެ މަދު މީހުންގެ ތެރޭގައެވެ.

ނަމަވެސް އަބްދީގެ ދޮށީ ކޮއްކޮ ލުތުފީއްޔާ އަށް އެނބުރި ނާދެވި، މީގެ ތިން އަހަރު ކުރިން އޭނާ ނިޔާވުމާއި ހަމައަށް ހުރީ ސީރިއާގެ ޔަރްމޫކް ރެފިއުޖީ ކޭމްޕްގައެވެ.

1947 ވަނަ އަހަރުން ފެށިގެން 1949 ވަނަ އަހަރާ ހަމައަށް ޒަޔަނިސްޓް ސިފައިން ވަނީ ފަލަސްތީނުގެ އާބާދީގެ މަދުވެގެން 75 ޕަސެންޓް މީހުން ބޭރުކޮށް، ފަލަސްތީނުގެ 530 އަވަށެއް ހަލާކުކޮށް، ބޮޑެތި ސިޓީތައް ނަސްލީ ގޮތުން ސާފުކޮށް، ފަލަސްތީނުގެ ގާތްގަނޑަކަށް 15000 އެއްހާ މީހުން ޝަހީދު ކޮށްލާފައެވެ.

މިއަދު ފަލަސްތީނުގެ ރެފިއުޖީން ތަމްސީލުކުރާ، ރެފިއުޖީންގެ މައްސަލައަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ހައްލުނުކުރެވި އޮތް މައްސަލައެވެ. ރަޖިސްޓްރީ ކޮށްފައިވާ ގާތްގަނޑަކަށް ހަ މިލިއަން ރެފިއުޖީން ދިރިއުޅެނީ ފަލަސްތީނާއި އަވަށްޓެރި ގައުމުތަކުގައި ހުންނަ މަދުވެގެން 58 ކޭމްޕެއްގައެވެ.

އުމުރުން 81 އަހަރުގެ އަބޭދު އަބްދީ، އޭނާގެ އާއިލާގެ ފޮޓޯއެއް ހިފަހައްޓައިގެން

އަބްދީ އާއި އޭނާގެ އާއިލާ އެންމެ ފުރަތަމަ ރެފިއުޖީ ކޭމްޕަކަށް އައީ ލުބުނާނުގެ މިއެހް މިއެހް މިހް ކޭމްޕަށެވެ. އޭނާގެ ކުޑައިރުގެ ހަނދާންތަކުގެ މައްޗަށް ބިނާކޮށް ހައިފާގެ ނަކްބާއާއި އަރަބި އަވަށްތައް ދައްކުވައިދޭ ގިނަ ކުރެހުންތަކެއް އޭނާ ކުރަހާފައި އެބަހުއްޓެވެ.

އަބްދީގެ ބައްޕައާއި ހައިފާގައި ބާކީ ތިބި ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް ވަނީ ވާދީ ނިސްނާސް ސަރަހައްދުގައި ދިރިއުޅުމަށް މަޖުބޫރު ކޮށްފައެވެ. އިޒްރޭލުގެ އަސްކަރީ ބާރުގެ ދަށަށް ގެންގޮސް ކާފިއު ހިންގަމުން ދިޔަ އެ ސިޓީގެ އެހެން ސަރަަހައްދަކުން ވެސް ބިމެއް ހޯދުމުގެ ހުއްދައެއް އެމީހުންނަކަށް ނުދެއެވެ.

އަބްދީގެ ބައްޕަގެ ހަލާކުކޮށްފައިވާ ގެޔާއި ދެ ކިލޯމީޓަރު ދުރުގައި އޮންނަ ވާދީ ނިސްނާސްގައި ހުންނަ އޭނާގެ ބޮޑުދައިތައެއްގެ ގެއަށް ފަހުން ބަދަލުވީއެވެ. އަބްދީގެ ބައްޕަ ވަނީ ހައިފާއަށް ނިސްބަތްވާ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އާއިލާއަކާ އެކު ހަތަރު ކޮޓަރީގެ އެ ގެ ހިއްސާ ކޮށްފައެވެ.

އަބްދީ އާއިލާގެ ބާކީ ތިބި މީހުން 1951 ވަނަ އަހަރު އެނބުރި އައިއިރު، އެ ހަ މީހުން 10 އަހަރު ވަންދެން ދިރިއުޅެމުން ދިޔައީ އެއް ކޮޓަރީގައެވެ.

ހަތް އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް، ނަކްބާގައި ހިނގި ހާދިސާތަކާ ގުޅިގެން ތަހައްމަލު ކުރަން ޖެހުނު އިހުސާސްތައް އަދިވެސް ވަރަށް ބޮޑަށް އެބަހުރި ކަމަށް އަބްދީ ބުންޏެވެ.

"ވަރަށް ގިނައިން ވާދީ ސާލިބަށް އެނބުރި ދިޔައިން. އަހަރެންގެ ކުޑައިރާއި ހިތާމަވެރި ހާދިސާތައް ހަނދާން އެބަހުރި. އެތަން ފެނުމުން އަބަދުވެސް ހިތާމައިގެ އިހުސާސެއް ކުރެވޭ. ހިތަށް އަރަނީ އަހަރެމެންނަށް މިހެން ދިމާވީ ކީއްވެ ބާއޭ. ހަލާކުކޮށް، ސުންނާފަތި ކޮށްފައި ހުރި އިމާރާތްތަކުގެ އަސްލެ ގެދޮރުވެރިން ކޮބާހޭ. އަހަރެމެން ބޭރުކޮށްލީ ކީއްވެބާއޭ."