މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފިއެވެ.

ނަޝީދު ޝަރީދުއާ ދެކޮޅަށް ދައުވާ ކުރެއްވީ، ނަޝީދާ ނިސްބަތްކޮށް ޝަރީފް ނޮވެމްބަރު 25، 2022 1:37 ގައި ޕަބްލިޝްކޮށްފައިވާ ޓުވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި ލިޔެފައިވާ ދޮގު ވާހަކަތަކުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެކަމާ ގުޅޭ ގޮތުން ކޯޓުން ބުނީ، ދައުވާ އަނބުރާ ގެންގޮސްފައިވަނީ މި މައްސަލަ މިހާރު ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ވިދާޅުވެ، އަދި ދައުވާ ބާތިލް ކުރުމަށް ނަޝީދުގެ ފަރާތުން އެދުމުން ކަމަށެވެ.

އެހެންވެ ދައުވާ އަނބުރާ ގެންދިއުމާ މެދު، ދައުވާ ލިބޭ ފަރާތުގެ އިތުރާޒެއް އޮތްތޯ ބެލުމަށް ގާނޫނުގައި ދޭ 28 ދުވަހުގެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް މަވޯޓާގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ކޯޓްގެ ހުކުމުގައިވެއެވެ.

ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް، 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރި ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ނަޝީދު 50 މީހުން މަރަން އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށާއި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.