ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ދަފްތަރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އުނިކޮށް، އޭނާ އަކީ މިހާރު އެ ޕާޓީގެ މެންބަރެއްނޫން ކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އާޒިމްގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކޮށް، ރައްޔިތުންގެ މަޖިލިހަށް އެކަން އަންގާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާއީދުކޮށް ސޮއިކުރެއްވުމާއި، އިދިކޮޅު ފަރާތްތަކާ އެކު ނޫސްވެރިންގެ ދެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށް، އެމްޑީޕީން އާޒިމް ވަކިކުރީ އިއްޔެއެވެ.

އޭނާ އަށް ފިޔަވަލު އެޅުމާ ގުޅޭގޮތުން އެމްޑީޕީގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނީ އާޒިމަށް ތިން ފިޔަވަޅެއް އެޅުމަށެވެ. އެއީ:

  • އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހަށް ޕާޓީ އަށް ނުވަދެވޭ ގޮތް ހެދުމަށް
  • އާޒިމަށް އަލުން ވަދެވޭނީ ޕާޓީ އަށް އަލަށް ވަންނަން އެދޭ 100 މީހުންގެ ފޯމް ހުށަހެޅުމުން ކަމަށް ޝަރުތުކުރުމަށް
  • ފަސް އަހަރު ވަންދެން އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭނެ ގޮތަށް ކަނޑައެޅުމަށް

މިކަމާ ގުޅިގެން، އޭނާ ޕާޓީން ވަކިކޮށްފައިވާ ކަމަށް އެމްޑީޕީން ބުނަނީ، ޕާޓީގެ އަސާސީ ގަވައިދާއި ފިޔަވަޅު އަޅާ ކޮމިޓީގެ ގަވައިދާ ހިލާފަށް ކަމަށް "ދަ ޕްރެސް" އަށް ވިދާޅުވެ، އާޒިމް ތިން ކަމެއް ފާހަގަކުރެއްވިއެވެ. އެއީ:

  • އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، ނަމަވެސް ކޮމިޓީގެ ބައްދަލުވުމެއް އޮތްކަން ޝިފާޒަށް އެނގިވަޑައިނުގެންނެވި
  • ސަބަބަކާ ހުރެ މުގައްރިރަށް ކޮމިޓީގައި ބައިވެރިވެވަޑައިނުގެންނެވޭ ނަމަ، ކޯރަމާ އެކު ކޮމިޓީގެ ބައްދަލުވުން ބޭއްވޭނެ އުސޫލު އޮތަސް، އެ މަރުހަލާ އަށް ދާނީ މުގައްރިރު ދެން ހުންނަވާ ބޭފުޅަކަށް އެކަން އަންގައި އުޒުރުވެރިވެލައްވާ ނަމަ
  • ކޮމިޓީން މެންބަރުންގެ މައްސަލަ ބަލާ ނަމަ، އެ މެންބަރަކަށް އަންގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން، އާޒިމަށް އެ ފުރުސަތު ނުދޭ ކަމަށް އޭނާ ވިދާޅުވި

ނަމަވެސް އެމްޑީޕީގެ ނިންމުން ދިފާއުކުރައްވައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު "ދަ ޕްރެސް" އަށް ވިދާޅުވީ، މައްސަލަ ހުށަހެޅެނީ ވަކި މީހަކަށް ނުވަތަ މުގައްރިރަކަށް ނޫން ކަމަށާއި، މައްސަލަ ހުށަހެޅެނީ ސީދާ ކޮމިޓީ އަށް ކަމަށެވެ. އޭނާ ވިދާޅުވީ، އާޒިމްގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ކޮމިޓީގެ މުގައްރިރު ހާޒިރުނުވާ ނަމަ، ނައިބު މުގައްރިރަށް ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމެއް އޮތް ކަން ޝިފާޒަށް އެނގިވަޑައިގެންފައި ނުވާ ކަމަށް އާޒިމް ވިދާޅުވި ނަމަވެސް، އިބްރާހީމް ވަހީދު ވިދާޅުވި ގޮތުގައި، ޝިފާޒް ވެސް ހިމެނޭ ކޮމިޓީ ގްރޫޕަށް މެސެޖުކުރައްވައި، ކޮމިޓީ އަށް ހުށަހެޅޭ މައްސަލަތަކުގެ ލިޔުންތަކުގެ ލިޔުންތައް ގްރޫޕަށް ފޮނުވަމުން ދިޔަ ނަމަވެސް، ލިޔެކިއުންތައް ބެއްލެވުމަށް ފަހު ޝިފާޒް އެއްވެސް ވަރަކަށް ޖަވާބެއް ނުދެއްވައެވެ.

އެމްޑީޕީގެ މެންބަރު ކަމުން އާޒިމް އިއްޔެ ވަކިކުރިއިރު، ޕާޓީގެ ވިޕްލައިނާ ހިލާފުވި މައްސަލައިގައި ހަތަރު މެންބަރެއްގެ މައްސަލަ ބަލައި، ވަނީ ފަހުގެ އިންޒާރު ދީފައެވެ. އެގޮތުން އެމްޑީޕީގެ ފިޔަވަލު އަޅާ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެންމެ ފަހުގެ އިންޒާރު ދީފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފަށާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށެވެ.