ރަޝިއާގެ އެތެރޭގެ މައުލޫމަތުތައް ފޯރުކޮށްދޭން އެދި އެމެރިކާއިން ރަޝިއާގެ ރައްޔިތުންނަށް ގޮވާލައިފިއެވެ. ސީއައިއޭގެ ރަސްމީ ޔޫޓިއުބް ޗެލަންގައި ރަޝިއާ ބަހުން އާންމު ކޮށްފައި ވާ ވީޑިއޯގައި ބުނެފައި ވަނީ ރަޝިއާގެ އެތެރޭގެ މައުލޫމަތުތައް ހިއްސާ ކުރުމަކީ "ހީކުރާ ވަރަށް ވުރެ މާ އަގުހުރި ކަމެއް" ކަމަށެވެ.

އެމެރިކާއާ މައުލޫމާތު ހިއްސާ ކުރުމަށްޓަކައި އިންޓަނެޓްގެ ރައްކާތެރި ގޮތްތައް [ސެކިއުއާ އިންޓަނެޓް ޗެނަލްސް] ބޭނުން ކުރުމަށް ވެސް ވަނީ އެދިފައެވެ.

އެ ވީޑިއޯ މެސެޖްގައި މައުލޫމާތު ހިއްސާކޮށްދޭން އެމެރިކާގެ ސީއައިއޭއިން އެދިފައި ވަނީ އަސްކަރީ އޮފިޝަލުންނާއި އިންޓެލިޖަންސް ސްޕެޝަލިސްޓުންނާއި ޑިޕްލޮމޭޓުންނާއި ސައިންޓިސްޓުންގެ އިތުރުން ރަޝިއާގެ އިގްތިސޯދީ ހާލަތާއި ހާއްސަކޮށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއި ސަރުކާރާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކަށެވެ.

https://youtu.be/B0Wo6NbWRmE

"އަހަރެމެންނާ ގުޅާ، ކަލޭމެންގެ ވަށައިގެން އުޅޭ މީހުން ފަހަރުގައި ތެދު އަހަން ބޭނުން ނުވެދާނެ، އެކަމަކު އަހަރެމެން އަޑުއަހާނަން" މެސެޖްގައި ބުނެއެވެ.

ޔޫކްރައިން ހަނގުރާމަ ހިނގާތާ ގާތްގަނޑަކަށް އަހަރަކާއި ބައި ވާން ކަރިރިވެފައި ވަނިކޮށް އާންމު ކުރި މި ވީޑިއޯ އާ ގުޅިގެން ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެފަދަ އެއްވެސް މައުލޫމާތެއް ބޭރުވޭތޯ ބެލުމަށް ނުވަތަ މުއާމަލާތެއް ހިނގާތޯ ބެލުމަށް ހާއްސަ މަސައްކަތްތަކެއް ފަށާ، އެކަން ސަމާލުކަމަށް ގެނެސްފައެވެ. އަދި ގައުމަށް ޣައްދާރުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވާ އިރު ޣައްދާރުން ޖަލަށް ލެވޭ މުއްދަތު ހުސްވި މަހު ވަނީ 20 އަހަރަށް ބަދަލުވެސް ކޮށްފައެވެ.