24 ގަޑިއިރެއްގެ ތެރޭގައި އެއްފަހަރާ އެންމެ ގިނަ މިސައިލް ފޮނުވާލައި ޔޫކްރައިންގެ ވެރިރަށް ކިއޭވްއަށް އަމާޒު ކުރި ހަމަލާތައް ޔޫކްރައިނުން މައިތިރި ކޮށްފިއެވެ.
އެމެރިކާއިން ދިން ޕެޓްރިއަތް މިސައިލް ސިސްޓަމް ބޭނުން ކޮށްގެން ރަޝިއާގެ މިސައިލްތައް ވައިގެތެރޭގައި ގޮއްވާލާފައި ވީ ނަމަވެސް ރަޝިއާއިން ދިން ހަމަލާތަކުގެ ތެރޭގައި ޑްރޯންވެސް ބޭނުން ކޮށްފައި ވުމުން، ކިއޭވްގެ ބައެއް ތަންތަނަށް ހަމަލާ ވަނީ އަމާޒުވެފައެވެ. ބައެއް އިމާރާތްތަކުގައި ރޯވެ ގެއްލުންތަކެއް ލިބިފައި ވާ އިރު 3 މީހަކު ޒަހަމްވެފައި ވެސް ވެއެވެ.
ރޭ ދަންވަރު 2:30 ގައި ދޭން ފެށި ހަމަލާތައް ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އިރު ރޭގެ ހަމަލާތަކާއެކު މި ހިނގާ މެއި މަހު ކިއޭވް އަށް ވަނީ ޖުމްލަ 8 ހަމަލާއެއް އަރާފައެވެ.
ރަޝިއާއިން ރޭ ހަމަލާ ދީފައި ވަނީ ކިއޭވްގެ ދެކުނާއި އުތުރާއި އިރުންނެވެ. އެ ހަމަލާތަކުގައި ކިއޭވް އަށް އަމާޒު ކުރި މިސައިލްތައް ވައިގެތެރޭގައި ގޮއްވާލާފައި ވުމުން ކުނޑިކުނޑިވެގެން ފޭބި އެއްޗެހިތައް ވަނީ ވެރިރަށުގެ އެތަން މިތަނަށް ވެއްޓިފައެވެ. އޭގެ ތެރޭގައި ކިއޭވްގެ ޒޫ ހިމެނުނު ނަމަވެސް އެއްވެސް ޖަނަވާރަކަށް އަދި މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ރޭގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކިއޭވްގެ ސޮލޮމިންސްކީ އަވަށަށެވެ. އެތަނުގެ ބައެއް އިމާރާތްތަކުގައި ރޯވެ އަނދާފައި ވާ އިރު ފަޔާ ފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކޮށް އާންމުންގެ ރައްކާތެރިކަން ވަނީ ކަށަވަރު ކޮށްފައެވެ.
ރަޝިއާގެ ހަމަލާތައް ވަރުގަދަ ކޮށްފައި މިވަނީ ހުޅަނގުގެ އެހީއާ އެކު ދިގުދެމިގެންދާ ވަރުގަދަ ހަމަލާތަކެއް ދޭން ޔޫކްރައިން އިން ތައްޔާރުވަމުން ދާ ވަގުތެއްގައެވެ. ރޭ ރަޝިއާއިން ދިން ހަމަލާތަކުގެ މައިގަނޑު އަމާޒަކީ މިސައިލުން ދިފާއުވާ ނިޒާމުތައް ހަލާކު ކޮށްލުން ކަމަށް ވިޔަސް އެކަން ކާމިޔާބެއް ނުވެއެވެ.
ޔޫކްރައިން ހަނގުރާމަ ފެށިފަހުން ޔޫކްރައިންގެ 8.2 މިލިއަން މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި އެކި ސަރަހައްދުތަކަށް ގޮސްފައެވެ. އޭގެ ތެރެއިން 2.8 މިލިއަން މީހުން ތިބީ ރަޝިއާގައެވެ.