ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަސް ޖުޑީޝަލް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން އައްޔަން ކޮށް، އެ ފަރާތްތަކަށް މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

މި ބޭފުޅުންނަށް މާގާމުގެ ފަތްކޮޅު އަރުވާފައިވަނީ ކޮމިޝަނުގެ ރައީސް ހިސާން ހުސައިންއެވެ.

ޖުޑީޝަލް ދާއިރާއަށް އައްޔަންކުރުމަށް ކޮމިޝަނުން ނިންމާފައިވާ ފަނޑިޔާރުންނަކީ ށ.މިލަންދޫ، ކެތީހައުސް ހަސަން ޝިޔާމް، ބ.މާޅޮސް، ނަފާޕެލަސް އަބްދުއްރަޝީދު ޔޫސުފް، އަދި ނ.ޅޮހި ސަންޝައިން އަހްމަދު ހަސަން މަނިކު، ބ.ކިހާދޫ، ގާޑެނިޔާވިލާ އަލީ ނަސީރުގެ އިތުރުން މ.ކޮޅުފުށި، ލިލީމާގެ އަހްމަދު ނަޖީބުއެވެ.

މި ގޮތުން ފަނޑިޔާރު ހަސަން ޝިޔާމްއަކީ މޭ 30، 2010 ވަނަ ދުވަހު ފަނޑިޔާރުކަމަށް އައްޔަންކުރެވުނު އަދި މިހާރު ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓެވެ. ފަނޑިޔާރު އަބްދުއްރަޝީދު ޔޫސުފް އަކީ 1995 އިން 1998 އަށް ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު، ވަކިވެވަޑައިގަތުމަށްފަހު ޖަނަވަރީ 8، 2013 ވަނަ އަހަރު އަލުން ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. މި ބޭފުޅާ ހުންނެވީ ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމުގައެވެ.

މީގެ އިތުރުން ފެބްރުއަރީ 13، 1996 ވަނަ އަހަރު ފަނޑިޔާރުކަމަށް އައްޔަންކުރެވުނު އަހްމަދު ހަސަން މަނިކު އެންމެ ފަހުން ހުންނެވީ ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމުގައެވެ.ފަނޑިޔާރު އަލީ ނަސީރު އޮކްޓޯބަރު 9، 1994 ވަނަ އަހަރު ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އަލީ ނަސީރު އައްޔަންކުރެއްވީ ވ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށެވެ. މ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރެއްވި ފަނޑިޔާރު އަހްމަދު ނަޖީބު ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ މާރިޗް23، 2003 ވަނަ ދުވަހުއެވެ.