މާޗް މަހާ އަޅާ ބަލާއިރު، މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ.

އެޗްޕީއޭ އިން އާންމުކުރި "ރޯގާގެ ގޮތުގައި ފެތުރޭ ބަލިތަކާ ބެހޭ" ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މާޗް މަހު 169 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރިއިރު، މިދިޔަ މަހު 320 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މާޗް މަހު 26 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރިއިރު، އޭޕްރިލް މަހު 95 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. ޖުމްލަ އެއްކޮށްލުމުން މިދިޔަ އަހަރުގެ މި މުއްދަތުގައި 121 މީހަކަށް ވަނީ ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައެވެ.

މި އަހަރުގެ މި މުއްދަތުގައި ޖުމްލަ 489 މީހަކަށް ޑެންގީ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ މާޗް މަހާއި އޭޕްރިލް މަހާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.

ޑެންގީ ޖެހުނު މީހުންގެ އަދަދު މާޗް މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިތުރުވި ނަމަވެސް، ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު މަދު ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެކަމަކު މިދިޔަ އަހަރަށް ވުރެ މި އަހަރު ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ހަމަ އެއާއެކު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން މި އަހަރު ޖުމްލަ 609 މީހުން ޓެސްޓުކުރި އިރު، 75 މީހަކު އިންފްލުއެންޒާ އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ އޭޖެންސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗް މަހަށް ވުރެ މިދިޔަ މަހު އިންފްލުއެންޒާ އަށް ޓެސްޓުކުރި މީހުންގެ އަދަދުތައް އިތުރުވެފައިވީ ނަމަވެސް، މިދިޔަ މަހު ޕޮޒިޓިވްވި މީހުން މާޗް މަހާ އަޅާ ބަލާއިރު މަދެވެ. އެގޮތުން:

  • މާޗް މަހު 167 މީހަކު ޓެސްޓުކޮށް 27 މީހަކު ޕޮޒިޓިވްވި
  • އޭޕްރިލް މަހު 196 މީހަކު ޓެސްޓުކޮށް 21 މީހަކު ޕޮޒިޓިވްވި

މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.