ނިރުބަވެރި ޖަމާއަތަކަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ގދ. މަޑަވެލީ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށެވެ. މެއި 17، 2021ގައި އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ގެންގުޅުނު ކަމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ފޯނުން ފެނުނު ކަމަށް ބުނާ ފޮޓޯތަކަކީ އައިއެސް ޖަމާއަތުގެ ލޯގޯ އާއި ދިދައިގެ ފޮޓޯއެއްކަން ސާބިތުކުރަން އެ ފޮޓޯގެ އަސްލު ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި ކުޑަ ދެ ފޮޓޯއެއް ހުށަހަޅާފައި ވިޔަސް، އެއީ ހަގީގަތުގައި އައިއެސްގެ ދިދަ އާއި ލޯގޯކަން ކަމާބެހޭ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް ދައުލަތުން ކަށަވަރުކޮށްފައި ނުވާ ކަމަށެވެ.

އަދި ފުލުހުންގެ ރިޕޯޓް ތައްޔާރުކުރި މީހާގެ ބަހަށް އެކަނި ބަލައިގެން އެއީ އައިއެސްގެ ދިދަ އާއި ލޯގޯ ކަމަށް ނުނިންމޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެހެންވެ، ދައުލަތުން އިއުތިސާމްގެ މައްޗަށް ކުރި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.