ހުޅުމާލެ ފޭސް 2 ގެ އެމްއޭސީއެލް ފްލެޓް ސަރަހައްދުގައި ބަސް ސްޓޮޕެއް ހަދައިފިއެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނިން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކޮށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް އެއިރޯ ރެސިޑެންސް (އެމްއޭސީއެލް ހިޔާ ޓަވަރު) ސަރަހައްދުގައި ބަސް ހުއްޓިއެއް ހަދާފައިވާ ކަމަށެވެ.

އެ ކުންފުނީގެ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އާރް 6، 7، 8 އަދި 9 ރޫޓުގެ ބަސްތައް މެދުވެރިކޮށް މާފަމާ އިން ފެށިގެން މި ބަސް ހުއްޓިއަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއިން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އާއެކު ގިނަ ބަޔަކަށް ލުއިފަސޭހަ ކަމެއް ލިބެމުން އަންނައިރު އެ ހިދުމަތަށް އަންނަނީ ބޮޑު ތަރުހީބެއްވެސް ލިބެމުންނެވެ.

ތަފާތު ގިނަ ރޫޓުތަކަށް އެ ހިދުމަތް ދެމުން އަންނައިރު ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މިހާރު ބޭނުން ކުރެވޭއިރު ދަތުރުކާޑު ބޭނުންކޮށްގެން ވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.